English Edition
Dhivehi Edition

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ. މިރެއަކީ ބަރަކާތުން ފުރިގެންވާ ފުއްސެވުމާއި ދިންނެވުމުގެ މާއް މައްސަރު ކަމުގައިވާ ރަމަޟާން މަހުގެ ފުރަތަމަރެއެވެ. ކުރިޔަށް އޮތީ މާތްވެގެންވާ ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކެވެ. ދިންނެވުމާއި ފުއްސެވުމުގެ ރޭތަކެވެ.

މި މާތް މައްސަރަށް މަރުހަބާ ކިޔާއިރު، މި މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ލިބޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ޙަދީޘް ކުރައްވަވާފައި ވެއެވެ.

(إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِى مُنَادٍ يَا بَاغِىَ الْخَيْرِ أَقْبِلْ وَيَا بَاغِىَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ

މާނައީ، “ރަމަޟާންމަހުގެ ފުރަތަމަރޭ، ޝައިޠާނުންނާއި ނުބައި ނުލަފާ ޖިންނި ކަސްތޮޅުއެޅުވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެ އެވެ. (ރަމަޟާން މަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެ އެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ. (ރަމަޟާންމަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ބަންދުނުކުރެވެ އެވެ.

އަދި ނިދާއިއްވަވާ މަލާއިކަތްބޭކަލަކު (މާތް الله ގެ އަމުރުފުޅަށް) ނިދާ އިއްވަވަ އެވެ.

“އޭ ހެޔޮ ކަންތައްތަކަށް އެދޭ މީހާ އެވެ! ހެޔޮކަންތައްތައް ކުރުމަށް އަވަސްވާށެވެ! އޭ ނުބައި ކަންތައްތައް ކުރާ މީހާ އެވެ! ތިޔަކަންތައްތައް ކުރުމުން އެއްކިބާވާށެވެ! الله (ރަމަޟާންމަހުގެ) ކޮންމެ ރެޔަކު ނަރަކައިން ބަޔަކުމީހުން މުއްތިކުރައްވަ އެވެ.” (ރިވާކުރެއްވީ: އައްތިރުމިޛީ)

އަދިވެސް ކީރިތި ރަސޫލާ ޙަދީޘްކުރައްވަވާފައި ވެއެވެ.

(أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ

މާނައީ؛ “ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެ އެވެ. މިއީ ބަރަކާތްތެރި މައްސަރެކެވެ. الله ޢައްޒަ ވަޖައްލަ މި މަހުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެއްވި އެވެ. މި މަހުގައި އުޑުގެ ދޮރުތައް ހުޅުވެ އެވެ. ނަރަކައިގެ ދޮރުތައް ބަންދުވެ އެވެ. ނުބައި ނުލަފާ ޝައިޠާނުން ކަސްތޮޅު އެޅުވެ އެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މި މަހުގައި ވެ އެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ގިނަގުނަވެގެންވާ ހެޔޮކަންތައްތަކުން މަޙުރޫމުވެއްޖެ އެވެ.” (ރިވާކުރެއްވީ: އައްނަސާއީ)