English Edition
Dhivehi Edition

ކަންކަން ރަނގަޅުކޮށް، ތަރައްޤީކުރުމަށްޓަކައި އެންމެ ރަނގަޅު އުކުޅުތަކާ އައު ހޯދުންތައް ހޯދައި ދިރާސާކުރުމަކީ މި ޒަމާނުގައި އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023 ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ޤާއިމުވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ރެޔާއި ދުވާލު ބުރަމަސައްކަތްކުރާ ފަރާތްތަކެއް އެބަތިބިކަން ފާހަގަކުރައްވައި އެފަރާތްތަކުން އެ ކުރާ މަސައްކަތްތައް ތަރައްޤީކޮށް ރަނގަޅު ކުރެވޭނީ ވެސް ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އަރާ ހަމަކޮށްގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަބަދުވެސް ނުރަނގަޅު ކަމެއް ޢާންމުވުމުގެ ކުރިން ދުރާލައި އެކަމަކަށް ފިޔަވަޅުއަޅައި ކަންކަން ބައްޓަންކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސަކީ ފުލުހުންގެ މުސްތަޤްބަލު ބިނާކުރުމުގެ ގޮތުން ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ބާއްވާ މިފަދަ ފުރަތަމަ ރިސާޗް ކޮންފަރެންސެވެ.

މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި މަދަނީ ޖަމުޢިއްޔާތަކާއި ދިރާސާކުރާ ފަރާތްތަކާއި ކިޔަވާކުދިންނާއި ކޮމިއުނިޓީ ލީޑަރުންނާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުންނާއެކު ގުޅުން ބަދަހިކޮށް އަދި އެފަރާތްތަކުގެ ޢިލްމީ ހޯދުންތަކާއި ތަޖުރިބާތައް ޙިއްޞާކުރުން ހިމެނެއެވެ. ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅިގެން ދިޔަ މި ކޮންފަރެންސް ބާއްވާފައި ވަނީ މި މާރިޗު މަހުގެ 18 އިން 20 އަށެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.