English Edition
Dhivehi Edition
މިމަހުގެ 23 ގައި ފަށާ ޔޫރޯ ކޮލިފައިން މެޗުތަކުން ފެށިގެން ފްރާންސް ގައުމީ ޓީމުގެ ކެޕްޓަން ކުރާނީ ކީލިއަން އެމްބާޕޭ ކަމަށް ފްރާންސް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑިސޯމްޕް ބުނެފިއެވެ.
ފްރާންސް ޓީމުގެ ކެޕްޓަންކަން އެމްބާޕޭއަށް ދޭން ނިންމީ ކުރިން އެޓީމުގެ ކެޕްޓަން ކަން ކުރި ގޯލްކީޕަރު ހޫގޯ ލޮރީސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުންނެވެ. މީގެ ކުރިން ފްރާންސް ޓީމުގެ ކެޕްޓަން ކަން ދޭނެ ކަމަށް ބެލެވުނު ރެއާލް ފޯވަޑް ކަރީމް ބެންޒެމާވެސް ވަނީ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.

ޔޫރޯ ކޮލިފައިން މެޗުތަކާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ޑިސޯމްޕް ބުނީ ދެން ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނީ އެމްބާޕޭ ކަމަށާއި އެމްބާޕޭއަށް ކެޕްޓަން ކަން ދިނީ އެކަމަށް އެންމެ އެކަށޭނަ ކުލުންތެރިޔަކީ އެމްބާޕޭ ކަމަސް ވާތީ ކަމަށެވެ.

އެމްބާޕޭ އަކީ ފްރާންސް ޓީމުގައި މިވަގުތު ހުރި އެންމެ އިތުބާރު ޒުވާން ފޯވާޑެވެ. އެމްބާޕޭ ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕުގައިވެސް ޓޮޕްސްކޯރާގެ މަޤާމު ހޯދާފައެވެ. އަދި އެންމެ މޮޅު އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނުނެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އޭނާއެވެ.

އެމްބާޕޭ ވަނީ ފްރާންސް ޓީމަށް 66 މެޗު ކުޅެދީ 36 ގޯލު ޖަހައިދީފައެވެ.