English Edition
Dhivehi Edition

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު އދ މާމިގިލި/ ކަނީރުމާގެ، ގާސިމް ހަސަންގެ ގާތިލު، ޅ. ހިންނަވަރު / ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ހުކުމް އިއްވުން މިއަދު އޮންނާނެ އެވެ.

މި މައްސަލައިގައި ހުކުމް އިއްވުން ކްރިމިނަލް ކޯޓުން ތާވަލު ކޮށްފައިވަނީ މެންދުރު 13:00 އަށެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައިވަނީ ޑިސެންބަރު 4، 2019 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގަ އެވެ.

އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އުމުރުން 59 އަހަރުގެ ގާސިމް ގެ ކަރަށް ވަޅި ހަރައި މަރާލި މައްސަލައިގައި އަދުހަމް މީގެ ކުރިން ވަނީ ކުށަށް އިއުތިރާފްވެ، މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އެއްބަސްވެފަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފަ އެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުމުން ކަމަށާއި، ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތްކަމަށް ވެސް އަދުހަމް އޭރު ބުނެފައިވެ އެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ޚުލާސާ ބަޔާނުގައި ވަނީ އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކަމަށެވެ.

އެހެންނަމަވެސް އަދުހަމްގެ ދިފާއީ ވަކީލު ވަނީ އޭނާގެ ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށާއި ނިޔަތް އޮތީ ފޭރުމަށް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އޮކްޓޯބަރު މަހު ނިންމާލާފަ އެވެ.