އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އަދި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 22.4 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ހަރަދަކީ 24.9 ބިލިއަން ރުފިޔާ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 2.5 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އުމްރާނީ ތަރައްގީއަށް 7.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށާއި 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ހަ ޕަސެންޓް ރޭޓުގައި ކުރިއަރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ ތިން ޕަސެންޓްގަ އެވެ.
* ރިކަރަންޓް ހަރަދަށް 56 ޕަސެންޓް، (16.1 ބިލިއަން ރުފިޔާ)
* ސަބްސިޑީއަށް 12 ޕަސެންޓް
* 43 ޕަސެންޓް ކެޕިޓަލް ހަރަދު
* ޕީއެސްއައިޕީއަށް 59 ޕަސެންޓް
އަންނަ އަހަރުގެ 56 ޕަސެންޓް ހާއްސަކޮށްފައިވަނީ، ރިޔަރަންޓް ހަރަދަށެވެ. ރިކަރެންޓް ހަރަދަކީ 16.1 ބިލިއަން ރުފިޔާ އެވެ. އެއީ މުސާރަ އާއި ޕެންޝަނަށެވެ. އަދި 23 ޕަސެންޓް ހޭދަ ކުރާނީ އާއްމު ހިދުމަތް ފޯރު ކޮށްދޭނެވެ. އަދި ރިކަރަންޓް ހަރަދުގެ ނުވަ ޕަސެންޓް ހޭދަކުރާނީ ލޯނު ދައްކާށެވެ. ސަބްސިޑީ އަށް ހަރަދު ކުރާނީ 12 ޕަސެންޓެވެ. ބަޖެޓުގެ 43 ޕަސެންޓް ހޭދަކުރާނީ ކެޕިޓަލް ހަރަދު ތަކަށެވެ. އެއީ 11.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން 59 ޕަސެންޓް ހަރަދު ހިމެނެނީ ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅުމަށް މިއަދު ބޭއްވި ޖަލްސާގައި ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީ މި އަހަރު ނިމޭ އިރު ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް 500 މިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. އަދި މި އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް 27.9 ބިލިއަން ރުފިޔަގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު ސަޕްލިމެންޓްރީ ބަޖެޓާ އެކު މިހިނގާ 2017 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.