މީހެއްގެ އިނގިލީގައި ދަތް އަޅައި ބުރިކޮށްލި މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ބަންގްލަޝް ފިރިހެނެކެވެ. އޭނާގެ މައްޗަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތު ފުލުހުން ކޮށްފައިވާއިރު، ހަތިޔާރަކުން އޭނާ ދެ މީހަކަށް ހަމަލާ ދީފައިވާ ކަމަށް އޭނާގެ ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ތަހުގީގު މަރުހަލާގައާއި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ހުކުރު ދުވަހު ކްރިމިނަލް ކޯޓުން ނިންމި އަމުރުގައި ބުނާގޮތުގައި، އޭނާ ވަނީ ތޫނު ހަތިޔާރަކުން ދެ މީހަކަށް އަނިޔާތަކެއް ދީފައެވެ. އަދި ދަތް އަޅައިގެން މީހެއްގެ އިނގިލިވެސް ބުރިކޮށްލާފައެވެ.
ގާޒީ އަލީ ނަދީމް ނެރެދެއްވި ކޯޓު އަމުރުގައި ބުނެފައިވަނީ، މި އަމަލުތަކުގެ އަނިޔާވެރިކަމަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ފެންނަ ކަމަށެވެ.
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މި ދުވަސްވަރު މާލޭގައި ސިލްސިލާ މާރާމާރީތަކެއް ދަނީ ހިނގަމުންނެވެ. ފުލުހުން ބުނާގޮތުގައި އެއީ ގޭންގުތަކާ ގުޅުންހުރި ކަންތައްތަކެކެވެ.