English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓްތަކުން ފައިސާ ގެއްލޭތީ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ 33 މެމްބަރުންގެ ވޯޓާއެކު ބަލައިގެންފިއެވެ.

ނޮޅިވަރަމް ދާއިރާާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހުށަހެޅުއްވި މި މައްސަލަ ނުފެންނަކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ދެ މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބީއެމްއެލްގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ ސްކޭމް ކޮށްގެން މީހުންގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ބޮޑުވެފައިވަނިކޮށެވެ.

މައްސަލަ ހުށަހަޅުއްވަމުން މަޖިލިހުގެ ރައީސް ނަޝީދު ވިދާޅުވީ މިހާރަކަށް އައިސް ބީއެމްއެލްގެ އެކައުންޓްތަކުން އެކި ގޮތްގޮތަށް ފައިސާ ގެއްލެމުންދާ އިރު އެ މައްސަލަ ބީއެލްއެމްއެލް އަށް އަދި ފުލުހުންނަށް ހުށަހެޅި ނަމަވެސް އެ ފައިސާ ނުލިބި އަދި ގިނަ ގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ. އަދި އެހެން ބޭންކުތަކަށް އެ މައްސަލަ ކުރިމަތި ނުވެ ބީއެމްއެލްގެ އިތުބާރު ގެއްލިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސްކޭމް ކޮށްގެން އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލައާއި ކާޑުތަކުގެ މައުލޫމާތު ހާމަވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ބޭންކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޭންކުގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް މަޢުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މި މައްސަލަތަކާއި ގުޅިގެން ބީއެމްއެލުން މިހާރު ވަނީ މޮބައިލް ވޮލެޓްގެ ކިއުއާރު ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތައް ލިމިޓްކޮށް ކިއުއާރު ބޭނުންކޮށްގެން މޮބައިލް ވޮލެޓުން ކުރެވޭ ކޮންމެ މުއާމަލާތެއްގެ އެންމެ މަތީ އަދަދަކީ 750 ރުފިޔާ ކަމަށް ހަމަޖައްސާފައެވެ. އޭގެ އިތުރުން ކިއުއާރު ބޭނުން ކޮށްގެން މޮބައިލް ވޮލެޓުން ދުވާލެއްގެ މައްޗަށް ކޮންމެ ކަސްްޓަމަރަކަށް ކުރެވޭނީ 10 މުއާމަލާތް ކަމަށް ބީއެމްއެލުން ވަނީ ނިންމާފައެވެ..