އަންހެނުންނަށް ޚާއްސަ ކޮށްގެން އައްޑޫ ސިޓީގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް އަންނައަހަރު ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
މުބާރާތް އިންތިޒާމްކުރާ އައްޑޫ ވިމެން ފުޓުބޯޅަ ގްރޫޕުން ބުނީ މުބާރާތް ބާއްވާނީ އަންނައަހަރު ފެބުރުއަރީ 10 ގައި ކަމަށެވެ. މުބާރާތް ކުރިއަށްދާނީ އައްޑޫފުޓުބޯޅަ ސްޓޭޑިއަމްގައި ކަމަށްވެސް އެފަރާތުން ބުންޏެވެ.
އެ ގްރޫޕޫން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާނީ އަންނަ ޖެނުއަރީމަހުގައި ކަމަށެވެ. މުބާރާތުގައި ބައިވެރި ކުރާނީ ޖުމްލަ 6 ޓީމެވެ. އެއީ އައްޑޫގެ ކޮންމެ ރަށަކުން ޓީމެކެވެ. އެއް ރަށަކުން އެއްޓީމަށްވުރެ ގިނަޓީމް ވާދަކުރަން ބޭނުން ކަމަށްވާނަމަ އިސްކަންދޭނީ އެންމެ ހަރަކާތްތެރި ޓީމަކަށް ކަމަށްވެސް ބުނެފައިވެއެވެ.
އައްޑޫ ވިމެން ފުޓުބޯޅަ ގުރޫޕުން ވަނީ މިދިޔަ އޮކްޓޯބަރުމަހުވެސް ފޯރިގަދަ ފުޓުސަލް މުބާރާތެއް ބާއްވައިފައެވެ.
މިއީ އަންހެނުންނަށް ޚާއްސަކޮށްގެން އައްޑޫގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތަށްވިޔަސް މުބާރާތުގެ އަގެއް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފައެއް ނުވެއެވެ.