ފާއިތުވެ ދިޔަ 2016 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ “ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ޓޯނަމެންޓް’ ގައި މާދަމާ ކުޅޭ ސެމީ ފައިނަލް މެޗަށް މީދޫ ވޮލީ ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށް ޓީމުގެ ކޯޗު ސާޖިދު(ކާއްޓޭ) ބުނެފިއެވެ.
އޭއޯ ނިއުސްއަށް މައުލޫމާތުދެމުން ކާއްޓޭ ބުނެފައިވަނީ ޓީމުގެ ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ޓީމު ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. “މުޅި މުބާރާތައްވެސް ޓީމުވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ.އެއް މެޗަށް ވުރެ އަނެއް މެޗުގެ ކުޅުން ދަނީ ރަގަޅުވަމުން” ކާއްޓޭ ބުންޏެވެ. “ގުރޫޕް ސްޓޭޖްގައި ކުޅެން މި ލިބުނީ ދެ މެޗު. އެކަމަކު އަސްލު މި ކުޅެވުނީ ރަގަޅު އެއް މެޗު. ފުރަތަމަ މެޗަކީ އެހާ ރަގަޅު މެޗެއް ނޫން.”ޓީމުން ދެވަނަ ދުވަހު ކުޅުނު މެޗުގައި ކުޅުންތެރިންގެ ކުޅުމަށް ތައުރީފުކުރަމުން ކާއްޓޭވަނީ ބުނެފައެވެ.
މާދަމާ ހަވީރު ކުޅޭ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން އަފުން ޓީމާއި ބައްދަލުކުރުމަށް މީދޫ ވޮލީ ޓީމު ތައްޔާރުވެފައިވާއިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަނިޔާގެ މައްސަލަކަމުގައި ކާއްޓޭވަނީ ބުނެފައެވެ.”ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ސެޓަރު އިބްރާހިމް ޖަމާލުގެ އަނިޔާގެ މައްސަލަތަކެއް އެބަހުރި.އެކަމަކު އުއްމީދަކީ ހަމަ ރަގަޅު ގޮތުގައި މި މެޗުވެސް ނިމިގެން ދިއުން.” ކާއްޓޭ ބުންޏެވެ. މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައިވެސް ފުރަތަމަ ހަ ކުޅުންތެރިންނަށް އެއްވެސް ބަދަލެއް ގެނައުމަށް ވިސްނާފައި ނުވާކަމަށް ކާއްޓޭވަނީ ބުނެފައެވެ.
މީދޫ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން ޔާސިން, ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖީހާން ގެ އިތުރުން ގައުމީ ޓީމުގެ ފާޒިލް އާއި ފައިރޫޒް ހިމެނެއެވެ. 2016 ވަނަ އަހަރުން ފެށިގެން ފުވައްމުލަކުގައި ކުރިއަށްދާ މި މުބާރާތުގައި އެ އަހަރު ރަށުން ބޭރުން ބައިވެރިވެފައިވާ ހަމަ އެކަނި ޓީމަކީ މީދޫ ވޮލީ ޓީމެވެ.