English Edition
Dhivehi Edition

ހުކުރު ނަމާދަކީ އިސްލާމް ދީނުގައި މުސްލިމުތަކުންނަށް ފަރުޟުކުރައްވާފައިވާ ފަރުޟުތަކުގެ ތެރެއިން މަތިވެރި ފަރުޟެކެވެ.

އަލް އިމާމް އިބްނުލް ޤައްޔިމް (رحمه الله) ވިދާޅުވެފައިވެއެވެ.

“ހުކުރު ނަމާދަކީ އިސްލާމް ދީނުގެ މަތިވެރި ފަރުޟެކެވެ. އަދި އެއީ މުސްލިމްތަކުންގެ އެންމެ ބޮޑު އެއް އިޖުތިމާއެވެ. މަތިވެރިކަން ލިބިގެންވާ އެއްވުމެކެވެ.”

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾ [سورة الجمعة 9] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.”

ޞިއްޙަތު ސަލާމަތުންހުރި، މިނިވަން، ބުއްދިހުރި، ބާލިޣުވެފައިވާ، ޤާއިމްވެހުރި (ދަތުރެއްގެ މަތީގައިނުވާ)، މުސްލިމު ކޮންމެ ފިރިހެނެއްގެ މައްޗަށް ހުކުރު ނަމާދަކީ ފަރުޟު ޢައިނެކެވެ. މި ޝަރުތުތައް ފުރިހަމަވާ މީހަކު ހުކުރު ނަމާދުގެ ޖަމާޢަތައް ޙާޟިރުނުވުމަކީ ފާފަވެރިވާނެ ކަމެކެވެ.

އަންހެނުންނާއި، (ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޟިރު ނުވެވޭ ވަރުގެ) ބަލިމީހުންނާއި، ދަތުރުވެރިންނާއި، ބާލިޣުނުވާ ކުޑަކުދިންނާއި، އަޅުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބެއް ނޫނެވެ.

ހުކުރު ނަމާދު ވާޖިބުނުވާ މީހުންގެ ތެރެއިން ތަކުލީފު ލިބިގެންވާ މީހުން ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެއްޖެ ނަމަ ނަމާދު ޞައްޙަވާނެއެވެ. އަދި ހުކުރު ނަމާދު މިފަދައިން ޖަމާޢަތުގައިކޮށްފި މީހަކު އެދުވަހުގެ މެންދުރު ނަމާދު ދެން ކުރާކަށް ނުޖެހޭނެއެވެ.