English Edition
Dhivehi Edition

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައެޅުމަށާއި ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ. އެ މައްސަލައިގެ ގާނޫނީ ވަކީލަކީ ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ ކެމްޕޭންގައި އުޅުއްވި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.

ރިޔާސީ ޓިކެޓް ހުއްޓުވައިދިނުމުގެ އަމުރަކަށް މައްސަލައިގައި އެދިފައި އޮތް އިރު އެމްޑީޕީން ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދޭން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮއްފައެވެ. އަދި ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައި ވީ ނަމަވެސް ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ވެސް ތުުހުމަތުކުރައްވަ އެވެ. އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ އެމަނިކުފާނަށް ލިބޭ ވޯޓުތައް މަދުކުރުމުގެ ނިޔަތުގައި ކަމަށާއި މިއީ އެތައް ބައެއްގެ ހައްގު ގެއްލުނު މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބު 61 އިންސައްތައިން ކާމިޔާބު ކޮށްފައިވަނީ ރައީސް ސޯލިހެވެ. އެމަނިކުފާނާއި ވާދަ ކުރެއްވި ރައީސް ނަޝީދަށް މި އިންތިހާބުގައި ލިބިފައިވަނީ 39 އިންސައްތައެވެ.

.އިންތިހާބުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި ނަޝީދުގެ ފަރާތްޕުޅުން ގިނަ ޝަކުވާތަކެއް ހުށަހަޅާފައި ވިޔަސް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފައި ވަނީ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.