English Edition
Dhivehi Edition

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދޭން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުން މިގޮތަށް ފާސްކުރީ އިއްޒުއްދީން ސްކޫލުގައި ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުން ވަނީ ކޯލިޝަން ހެދުމާ އެއްކޮޅަށް ވޯޓުދީފައެވެ. ބާކީތިބި ހަތަރު މެމްބަރުންނަކީ ވަކި ގޮތަކަށް ވޯޓު ނުދޭ މެމްބަރުންނެވެ.

މި ބައްދަލުވުމުގައި އެ ނިންމުން ހުށަހަޅުއްވައި ދެއްވާފައި ވަނީ ރައީސް ޞާލިޙުގެ ކެމްޕެއިން މެނޭޖަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިޒެވެ.

2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ޤައުމީ މަޖިލީހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ބާރު ދެއްވިއެވެ. އަދި އެފަހަރުގެ އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވީ ގިނަ ޕާޓީތައް ހިމެނޭހެން ކޯލިޝަނަކާއެކުއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއެކު ހެދި ކޯލިޝަނަކެވެ.

އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއިދުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭގެ ތެރޭގައި:

  • ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
  • ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބް
  • ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ހިމެނެއެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ފަހު ނަޝީދުގެ ފެކްޝަނުން ގެންދަނީ ‘ފިކުރެއްގެ ދިރުން’ ނަމުގައި އެމްޑީޕީގައި ގޮތްޕެއް ހަދަން ތާއީދު ފޯމު ފުރަމުންނެވެ.