English Edition
Dhivehi Edition

މުސްތަޤްބަލަށްޓަކައި، މިހާރު ލިބެންހުރި ފުރުޞަތުތަކާއި ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ކުރިޔަށްދިޔަ “ފިއުޗަރ އޮފް ވޯރކް” ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ މިކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ދުނިޔޭގެ ލީޑަރުން، މިހާރުގެ ހިންގުމުގެ ނިޒާމުތައް ކުރިއަރުވާ “ފިއުޗަރ އޮފް ވޯރކް”ގެ ބޭނުންތައް ހާޞިލުވާގޮތަށް އެ ނިޒާމުތައް ބައްޓަންކުރަށްޖެހޭކަމަށެވެ.

ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ކުރިޔަށްދަނީ މި ފެބްރުއަރީ މަހުގެ 13 އިން 15 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.)ގެ ދުބާއީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރަނގަޅު މުސްތަޤްބަލެއް ހޯދުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަވަސް ޙައްލުތަކެއް ހޯދަންޖެހޭ މައްސަލަތަކެއް، އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އިޤްތިޞާދަށް އަންނަ ލޮޅުންތަކާއި، ޑިމޮގްރަފިކް ނުރަނގަޅު ޓްރެންޑްތަކާއި، މޫސުމަށް އަންނަ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެހެންވެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ވެސް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މި ސަރުކާރު ކުރިޔަށްދަނީ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގުމާއި މުއައްސަސާތައް އިޞްލާޙުކުރުމާއި، ޕަބްލިކް ސެކްޓަރ ޒަމާނީކޮށް ތަރައްޤީކުރުމަކީ ޤައުމުގެ ކުރިއެރުމާ ތަރައްޤީގެ މައިގަނޑު އަސާސްތައް ކަމުގައި ދެކިގެންކަމަށެވެ. އަދި މިކަން ހާޞިލުކުރުމަށްޓަކައި އިޖުތިމާޢީ އަދި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ހޯދުމާއި އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމާއި ސަރަޙައްދީ ގުޅުންތައް ރަނގަޅު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓުގެ ޝިއާރަކީ “ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް” އެވެ. މި ސަމިޓް މި ބޭއްވެނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކަށްފަހުގައި ކަމުގައިވާތީ މިއީ މިފަދަ ސަމިޓަކަށް ވަރަށް މުނާޞަބު ވަގުތެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުތަކުން ކަންކަން ހިންގަމުންއައި ގޮތްތައް އަލުން ތަރުތީބުކޮށް، ޚިދުމަތްތައް ހަލުވިކޮށް ދިނުމަށްޓަކައި އުފެއްދުންތެރި ސިޔާސަތުތައް އެކުލަވާލައި ޓެކްނޮލޮޖީތައް ތައާރަފްކުރަން ސަރުކާރުތަކަށް މަޖުބޫރުވެގެންދިޔަކަން އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ބަލިމަޑުކަމުގެ ސަބަބުން މުޅި ޞިއްޙީ ނިޒާމަށް އައި އިންޤިލާބީ ބަދަލާ އަދި ވަރޗުއަލް ޚިދުމަތްތަކުގެ މުހިންމުކަން ވެސް ހާމަވެގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އަދި ގޭގައި ތިބެގެން މަސައްކަތްކުރެވޭ އުސޫލުތަކަށް މީހުން ފަރިތަވެ އެގޮތަށް މަސައްކަތްކުރުން އާންމުވެގެން ދިޔަކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އުމްރާނީގޮތުންނާއި ޓެކްނޮލޮޖީ ގޮތުންނާއި އަދި މި ނޫންވެސް އައި ބަދަލުތަކާއެކު ރާއްޖެއަކީ ޑިޖިޓަލް ވަޞީލަތްތައް މެދުވެރިކޮށް މަސައްކަތްކުރާ ފަރާތްތަކާއި ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ޖަގަހައަކަށް ވަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، 2023 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ރާއްޖެއިން “ވަން-ގަވް ޚިދުމަތްތައް” ތަޢާރަފްކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މިހާރު “ގަވްއެމްވީ” ޕްލެޓްފޯމަކީ، ސަރުކާރުގެ އިދާރާތަކާއި ޢާންމުންގެ މެދުގައި ޑިޖިޓަލް މުވާޞަލާތު ކުރުމުގެ މަގު ފަހިކޮށްދޭ ޕްލެޓްފޯމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ޑިވެލޮޕްމަންޓް އެޖެންޑާގެ އަމާޒަކީ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ބިންގާއަޅައި ކުރިއެރުވުންކަމަށާއި މި ޕްލޭންގެ މައިގަނޑު އަސާސަކީ ޑިޖިޓަލް މުޖުތަމައެއްގެ ބިނާކުރުމުގެ މައިގަނޑު އެއް އަސާސްކަމުގައިވާ ، ޑިޖިޓަލް އައިޑެންޓިޓީ ތައާރަފްކުރުން ކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “ފިއުޗަރ އޮފް ވޯރކް” އަށް މަގުފަހިވާގޮތަށް އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ކުދި ފަންތިއާ އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސް.އެމް.އީ. ބޭންކް އުފެއްދުމާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް.) މެދުވެރިކޮށް އިތުބާރު ހިފޭ އަދި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އުފެއްދުންތެރި “ގްރީން ޓެކްނޮލޮޖީ”އަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ޓެކްނޮލޮޖީއާ ގާބިލުކަން އިތުރުކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކުރުން އިތުރުކޮށް، ކާރިސާތަކުގެ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތްކުރުމާއި، ނޫ އިޤްތިޞާދު ކުރިއެރުވުމާއި ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވާހަކަފުޅު ދެއްކެވިއެވެ.