English Edition
Dhivehi Edition

މި ދިޔަ ހޯމަދުވަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެ ގައުމުގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބިންހެލުމުގައި ތުރުކީގައި ތިބި 14 ދިވެހިންނަށް އެއްވެސް އަނިޔާއެއް ނުވާކަން މިނިސްޓްރީން ހާމަކޮށްފައިވާއިރު ތުރުކީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއި ގުޅާ ހާލު އޮޅުންފިލުވާފައިވާނެކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައެއް ނުވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިތުރަށް ފޮރިން މިނިސްޓްރީން ބުނީ މިބިންހެލުމާ ގުޅިގެން މިނިސްޓްރީ އިން ތުރުކީގެ ހާލަތު ވެސް ގާތުން ބަލަމުންދާކަމަށެވެ. މީގެ އިތުރުން މިނިސްޓްރީން ވަނީ ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުން ޖެހިއްޖެނަމަ، އެމިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 ގުޅުމަށް އެދިފައެވެ.

ޓެގު