ކައުންސިލުތަކުން ކުރާ ކަންކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އެލްޖީއޭއިން ބަލަމުންދާ ކަމަށް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑަބްލިއުއެސްސީ، އުރީދޫ، މީޑިއާ ނެޓް، އާރްއޯއެލް އަދި ސްޓެލްކޯ އިން އެ އޮތޯރިޓީ އާއެކު ބޭއްވި މަޝްވަރާއަށްފަހުއެވެ.
މިއީ މާލޭ ސިޓީ ކައުންސިލުން، މަގު ކޮނުމާއި މަގު ކޮނެގެން ހިދުމަތް ދިނުމުގައި އަމަލުކުރާނެ އުސޫލެއް ތައްޔާރުކޮށް، އެ އުސޫލުގެ ސަބަބުން އާންމު ރައްޔިތުންނަށް އެދެވޭ ހިދުމަތުގެ އަގު ބޮޑުވެގެންގޮސްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.
އަފްޝަން ވިދާޅުވީ އެންމެގިނައިން ކުރާ އެންމެ މުހިންމު މަސައްކަތަކީ ކައުންސިލުތަކުން ކުރަންޖެހޭ ކަންކަން ކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ އާއި ފޮލޯކުރަން ޖެހޭ ޕްރޮސެސް ފޮލޯ ކުރޭތޯ ބަލައި، މޮނިޓަރ ކުރުން ކަމަށެވެ. އަދޮި އެކަން އެންޝުއަރ ކުރުމަކީ އެ އޮތޯރިޓީގެ އެންމެމުހިންމު މެންޑޭޓު ކަމަށް ދެކި، އެގޮތަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.
“އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ކޮންސަލްޓޭޓިވް ޕްރޮސެސްއެއް އެބަ ކުރިއަށް ގެންދަންޖެހޭ ކޮންމެ އުސޫލެއް އެކުލަވާލާއިރުވެސް. އެއީ އަޅުގަނޑުމެން އެންމެބާރުއަޅާ އެއްކަންތައް. މީގެ ކުރިންވެސް ހުރިހާ ކައުންސިލުތަކުން އުސޫލު ހައްދަވާފަ އެލްޖީއޭ އަށް ފޮނުއްވީމަ އަޅުގަނޑުމެން އެބަހޯދަން އެކަމާއިގުޅޭ އެކި ބޭފުޅުންގެ ލަފާއާ އިރުޝާދާ އިންޕުޓް.” އަފްޝަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލާއެކު އެ މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި އެކަންކުރާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލާނެ ކަމަށެވެ.
ރައްޔިތުންނަށް އަންނަ ދައްޗާއި ތަކްލީފު ހައްލުކުރުމަކީ އެލްޖީއޭގެ މެންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށް ވެސް އޭނާ ވިދަޅުވިއެވެ. އަދި އިދާރާތަކާއި ކައުންސިލުތަކާއި ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެ އޮތޯރިޓީން ގިނަ ފަހަރަށް މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެތެރެއިން ގިނަ ކަންކަމަށް މަޝްވަރާކޮށްގެން އެދެވޭ ހައްލު ހޯދޭކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ ސްޓެލްކޯ އާ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަފްޝަން ވަނީ ސިޓީ ކައުންސިލާއި ސްޓޭލްކޯ އިން އެލްޖީއޭ އާއެކު މަޝްވަރާގެ މޭޒަށް އައުމަށް ވެސް ދައުވަތު ދެއްވާފައެވެ.