English Edition
Dhivehi Edition

ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް)އިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ކޮޅިގަނޑު މަޑުމަޑުން ހުޅަނގުދެކުނަށް ދަތުރުކޮށް، މިއަދު، ރާއްޖޭގެ އިރުމަތިން، ގަލްފް އޮފް މަންނާރާއި ކޮމޮރިން ސަރަހައްދު ހިމެނޭ ގޮތަށް ލަންކާގެ ހުޅަނގު އައްސޭރި ފަށަށް ޖެހޭނެކަމަށެވެ. އަދި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފް ރާއްޖޭގެ އިރުމަތިން ފެށިގެން އިރުދެކުނު އަރަބި ކަނޑާ ހަމައަށް ފޯރާފައިވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހުން ފެށިގެން މާދަމާގެ ނިޔަލަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.