English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފުވައްމުލައް ދާއިރާގެ ރައީސް ހައްމަދު ނިޒާމް ހަސަން ޕާޓީން ވަކިވެއްޖެ އެވެ.

އޭނާ ޕާޓީން ވަކިވެ، އަދި މަގާމުން ވެސް އިސްތިއުފާ ދެއްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ސިޔާސީ، އިސްލާޙީ މަސައްކަތްތައް ކުރުމުގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި އަމިއްލަ ނަފްސާއި ދަރިންގެ މުސްތަގުބަލް ތާށި ކުރުމުގެ އެއްވެސް ބޭނުމެއް އޮތްކަމަށް ނުފެންނާތީ އެމްޑީޕީގެ ފުވައްމުލަކު ސިޓީގެ ރައީސްކަމުގެ އިތުރުން ޕާޓީގެ މެމްބަރުކަމުންވެސް ވަކިވާން އޭނާ ނިންމީ ކަމަށެވެ.

އޭނާ އެމްޑީޕީ އިން ވަކިވެފައިމިވަނީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިޚާބު ރައީސް ސާލިހު ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް، އިންތިޚާބުން ބަލިވި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.

އެހެންނަމަވެސް ރިޔާސީ ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް އައްޔަން ކޮށްފައިވާ ކޮމިޓީން ބުނެފައިވަނީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ރަގަޅަށް ކަމަށާއި، ނަތީޖާއަށް އަސަރުކުރާނެ ވަރުގެ ޝަކުވާއެއްވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެމްޑީޕީން މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާގައި ވާގޮތުން ރައީސް ސާލިހަށް މި އިންތިޚާބުގައި ލިބިލެއްވީ 24،573 ވޯޓެވެ. ރައީސް ސާލިހާއި ވާދަކުރެއްވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިލެއްވީ 15،631 ވޯޓެވެ.

އިންތިޚާބާބެހޭ ކޮމިޓީން އާންމު ކުރި ވަގުތީ ނަތީޖާގައި ވާގޮތުން މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 40،887 މެމްބަރުންނެވެ. އެއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މެމްބަރުން 71.41 އިންސައްތަ މީހުން ނެވެ. މި އިންތިޚާބުގައި 680 ބާތިލް ވޯޓު ލާފައިވާއިރު ސައްހަ ވޯޓުގެ ގޮތުގައި ލާފައިވަނީ 40،207 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ރައީސް ސާލިހުއަށް ލިބިލެއްވީ 61.10 އިންސައްތަ ވޯޓެވެ. ނަޝީދަށް ލިބިލެއްވީ 38.9 އިންސައްތަ ވޯޓެވެ. ކުރިން ހީކުރެވުނު ގޮތާއި ޚިލާފަށް ފުވައްމުލަކު ސިޓީންވެސް ރައީސް ސާލިހުވަނީ ބޮޑުތަނުން ކުރި ހޯއްދަވާފަ އެވެ.