ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި ހިނގައިދިޔަކަންކަން ހަނދާން ނައްތާލުމަށްފަހު އެމްޑީޕީ ނިކުންނަންވީ އަނެއްކާ ވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކުރުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް އެމްޑީޕީގެ ޓިކެޓް ހޯއްދެވި ރައީސް ސޯލިހް ވަނީ އިންތިހާބުގައި ހިނގައި ދިޔަ ކަންތައްތައް ހަނދާން ނައްތާލުމަށްފަހު އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދަށް ދައުވަތު ދެއްވާފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ނިމިގެން ދިޔައީ ވާދަވެރި އިންތިހާބެއްކަމަށެވެ. އަދި އެ ކަހަލަ އިންތިހާބެއްގައި ކޮންމެހެން ފެންނަން ބޭނުން ނުވާ ކަންތައްތަކެއް ވެސް ފެނިފައި ހުރެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ހިތުގައި އޭގެން އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ،
އިތުރަށް ރައީސް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އެއްވިސްނުމެއްގައި އެއް މަގުސަދެއްގައި ކުރިއަށްދާ ޕާޓީއެއްކަމަށެވެ. ޕްރައިމަރީގައި ދެ ބައެއްގެ ގޮތުގައި ފެނުނު ނަމަވެސް މަގުސަދު ތަފާތު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީޕީގެ މަގްސަދަކީ ރާއްޖެއަށް ސުލްހަވެރިކަމާއި ހަމަޖެހުން ގެނެސްދިނުން ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މިރެއަށްފަހު އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ މަސައްކަތްކުރަން ޖެހޭނީ އިދިކޮޅު ޕާޓީ ބަލިކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބް ކާމިޔާބްކުރުމަށް ކަމަށެވެ.