ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ވަކި ގަޑިއެއް ނޯންނާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އައްޑޫގެ ތިން ރަށަކުން 500 ގޯތި ދިނުމުގެ އިއުލާނު ދަންގަޑިއެއްގައި ނެރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އެވެ.
އައްޑޫން ގޯތި ދޫކުރާ އިއުލާނު މެންދަމު 12 ގެ ފަހުން ނެރުމުން އެކަމާ ހަޖޫ ޖައްސަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ގޯތި ދޫކުރުމަކީ ރޭގަނޑު ދަންވަރު 12 ޖަހާ އިރު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ގޯތި ދޭނެ ކަމަށް ކޮންމެ އިންތިޚާބެއްގައި ސަރުކާރުން ބުނާ ކަމަށާއި އެކަމަކު ގޯތިތައް ހުރީ ކަނޑު އަޑީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ ޓީވީ “ފަލަސުރުޚީ” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އައްޑޫ ސިޓީ މީދޫ، ހުޅުދޫ އަދި ފޭދޫއިން ގޯތި ދޫކުރުމަށް އިއުލާނު ރޭގަނޑުގެ ދަން ގަޑިއެއްގައި ނެރުނީ އެއީ އެކަމަށް ކުރި މަސައްކަތްތައް ނިމުނުގަޑި ކަމަށް ވާތީ ކަމަށެވެ.
އެކަމަށް ފާޑުކިޔާ ފަރާތްތަކުން ފާޑު އެކިޔަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ހިނގާ ގޮތް ނޭނގޭތީކަން ފާހަގަކުރައްވާ މޭޔަރު ނިޒާރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަކި ގަޑިއެއް ނޯންނާނެ ކަމަށެވެ. އަދި ރައްޔިތުންނާ ގުޅުންހުރި ކަމެއް ކުރަން ޖެހިއްޖެ ނަމަ ފަތިހު އޮފީސް ހުޅުވައިގެން ވެސް އަދިވެސް އެ ފަދަ މަސައްކަތްތައް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ ރައްޔިތުންނަށްޓަކައި ކައުންސިލުން ކުރީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި އެހެންވީމާ އެކަން ލަސްކުރަން ބޭނުން ނުވީ ކަމަށާއި އައްޑޫ ކައުންސިލުން އަންނަނީ 24 ގަޑި އިރު ވެސް ރައްޔިތުންނަށް ޚިދުމަތް ކުރަމުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
އައްޑޫގެ ތިން ރަށަކުން ޖުމްލަ 500 ގޯތި ދޫކުރާނެކަން ހާމަކުރަން ސިޓީކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެ ގޯތިތަކަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަންނަން ފަށާނީ އަންނަ ފެބްރުއަރީ މަހު ކަމަށެވެ.