English Edition
Dhivehi Edition
ފޮޓޯ: ޕްލޭނިނިގ މިނިސްޓްރީ

ހައްދުންމަތީގެ 4 ރަށެއް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ.

އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ ލ. ހިތަދޫ އާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެއަތޮޅު ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތެވެ. ވަކިވަކި 2 މަޝްރޫޢެއްގޮތަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މި 2 ރަށް ކޯޒްވޭއަކުން ގުޅާލުމަށް ހަމަޖެހިފައިވަނީ ހިތަދޫ އާއި ކުނަހަންދޫއާއި އެއްފަޅެއްގައި އޮންނަ ފަޅު ރަށެއްކަމަށްވާ މެންދޫވެސް ހިމެނޭހެންނެވެ. ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 1 އަހަރާއި 6 މަސް ދުވަސް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 20،040 އަކަ މީޓަރުގެ ސަރަޙައްދެއް ސާފުކޮށް، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހިފައެވެ. އަދި 130 މީޓަރުގެ ސްކައުރިންގ އޭޕްރެންއެއް ހެދުމާއި، 225 މީޓަރުގެ ބްރިޖެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ. މީގެ އިތުރުން 85 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 3006 އަކަ މީޓަރުގެ މަގު ހަދާ، މަގު ބައްދި ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

ލ. ކަލައިދޫއާއި އެ އަތޮޅު ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން 42،624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހުމުގެ މަސައްކަތްކުރާނެއެވެ. އަދި 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމުގެ އިތުރުން 7266 އަކަ މީޓަރުގެ މަގު ހެދުމާއި، މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަހުން މަސައްކަތް ނިންމާ ގޮތަށެވެ.