English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލުގެ މީޓިންގ އެއް - ފޮޓޯ: އެމްއެމްސީ

ދިވެހި ނޫސްވެރިންނަށް ފުރައްސާރަކޮށް، އިންޒާރުދީ، ބިރުދައްކާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ވަކިވަކި ނޫސްވެރިންނަށާއި މީޑިއާތަކަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި، އިންޒާރުތައް ދިނުމާއި ބިރުދައްކާ ކަމުގެ ޝަކުވާ ލިބެމުންދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެ ކައުންސިލުން ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ.

“ޤާނޫނުއަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މީޑިއާ އިދާރާތަކަށް ވަދެ، ނޫސްވެރިޔާއަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމާއި ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލައި ސާބިތުނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހާލެއްގައި މި ކައުންސިލުން ބަލައިގަންނާނެކަމެއް ނޫނެވެ.” އެމްއެމްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ މީގެކުރިންވެސް، ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރަ ކުރިމަތިވެ، ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވަނީ ވެފައި ކަމަށާއި އެހެންކަމުން، އެފަދަކަމެއް ތަކުރާރު ނުވާނެހެން ދުރާލައި ފިޔަވަޅު އެޅުމަކީ ކަމާ ބެހޭ މުއައްސަސާތަކުންނާއި، މީޑިއާތަކުން އަދި ނޫސްވެރިންވެސް ސަމާލުކަންދޭންޖެހޭނެ ކަމެއް ކަމަށެވެ.

ހަމަމިއާއެކު ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް ކަމަށް ވެް ބަޔާނުގައި ވެއެވެ.

“މިގޮތުން، 17 ސެޕްޓެންބަރު 2022 ގައި މި ކައުންސިލުން އެކުލަވާލާފައިވާ “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ “މީޑިއާގައި ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިޙްތިރާމްކުރާނެއެވެ.” އަދި އެ މިންގަނޑުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ “ނޫސްވެރިއެއްގެ ނޫސްވެރިކަމުގެ ޙައްޤު ގެއްލޭ ކޮންމެ ޙާލަތެއްގައި އެ ނޫސްވެރިޔާ ޙިމާޔަތްކޮށް، ދިފާޢުކޮށްދީ، އެ ނޫސްވެރިޔާގެ ޕްރޮފެޝަނަލް ޙައްޤަށް އިޙްތިރާމް ކުރާނެއެވެ.” އެމްއެމްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނޫސްވެރިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ ފަރާތްތަކުން ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފު ނުވާހާ ހިނދަކު، އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި ބިރު ދައްކައި އިންޒާރުދިނުން ފަދަ ކަންކަން ކުރުމަކީ، އެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރާއިރު ޤާނޫނާއި ޤަވާއިދުތަކާއި “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.