English Edition
Dhivehi Edition
ހިތްގައިމު ރީތި ދިވެހި ލަވަތަކެއް ކިޔާފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ އާމިނަތު ޝާނީ، އެންމެ ފަހުން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްފިއެވެ.
އެންމެ ފުރަތަމަ މިއުޒިކީ ދުނިޔެއަށް ލޯ ހުޅުވުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް ދިމާވި ގޮންޖެހުންތައް ފޭސްބުކްގައި ހިއްސާކުރަމުން ޝާނީ ބުނީ އެންމެ ފުރަތަމަ ލަވަކިޔަން ފެށިދުވަސްވަރު ވަރަށް ގިނަ މަލާމާތުގެ ބަސްތައް ރައްދުވިކަމަށެވެ.
ރާއްޖޭގެ މަޝްހޫރު ސީނިއަރ ލަވަކިއުންތެރިއެއް އަދި މަޝްހޫރު ލަވަކިއުންތެރިއެއްގެ މަންމަގެ ފަރާތުން ލިބުނު ‘ކޮމެންޓް’ ހިއްސާކުރަމުން ޝާނީ ބުނީ އެ ފަރާތުން އޭނާ ކައިރީ ދިވެހި ލަވަ ނުކިޔާ އިނގިރޭސިލަވަކިއުމަށްވެސް ބުނިކަމަށެވެ. އިތުރަށް ޝާނީ ބުނީ އެދުވަސްވަރަކީ ހިންދީ ރާގަށް ދިވެހި ލަވަކިއާ އަލްބަމް ނެރުނު ދުވަސްވަރު ކަމަށްވެފައި އޭނާ އަޑަކީ ތޫލި އަޑަކަށްނުވުމުން އަދި ހިންދީ ރާގަށް ލަވަނުކިއާތީ އެކި ދިމާލުން ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަށެވެ.
މީގެ އިތުރުން ޝާނީ ވަނީ ގީޓާ ކުޅުމުގެ ޝައުގުވެރިކަން އުފެދި މަޝްހޫރު ގިޓާކުޅުން ތެރިއެއްގާތު ގިޓާ ކުޅުމާ ބެހޭ އެއްޗެއް ބުނެދޭން އެދުމުން ކަންތައްވީ ގޮތްވެސް ހިއްސާކޮށްފައެވެ. “ޝާނި ކީއްކުރަންހޯ ގިޓާ ކުޅެނީ. އެހެން މިއުޒީޝަނެއް ގާތު ގިޓާ ލެސަންސް ނަގަން ބުނީމަ ހީގަނެފަ ބުނީ ޝާނި އަކަށް ނުކުޅެވޭނެއޯ. އޭނަބުނެދިނީ އެހެން މީހަކަށް.” ޝާނީ ބުންޏެވެ. ސްރީލަންކާގެ މަޝްހޫރު ޕްރޮޑިއުސަރަކު ޝާނީ ގެ ހުނަރު ފެނިގެން ލަވަ އަލްބަމެއް ނެރުނު ހިސާބުން ބޮލުގައި އެޅުނު ‘ބަދުނާމު’ ގެ ވާހަކަވެސް ޝާނީ ވަނީ މި ޕޯސްޓުގައި ހިއްސާކޮށްފައެވެ. “އޭނާ އަށް ހުނަރު ފެނިގެން އަލްބަމެއް ނެރުނީމަ ބުނީ އޭނަ އާއި ހިތާވީއޭ.” ޝާނީ ބުންޏެވެ.
މީގެ އިތުރުން އެންމެ ގާތް މީހުންގެ ފަރާތުންވެސް މަލާމާތާއި ފުރައްސާރަ ރައްދުވިކަން ފަހަގަކޮށް ޝާނީ ބުނީ އެއްްފަހަރު ޓީވީއެމް ގެ ލައިވް ޝޯއެއްގަ ލަވަކިޔާފަ ރައްޓެއްސެއްގެ ގެއަށް ދިއުމުން “ކޮންހަޑިއެއް ހާވާފަހޭ ތިއައީ. ޝާނީ އަކަށް ނުވާނެޔޭ އެއްކަމެއްވެސް’ މިހެން ބުނެފައިވާކަމަށެވެ. މިކަހަލަ އެތައް ބަސްތަކެއް އަޑުއިވޭ ކަމަށާއި މިފަދަ ބަސްތައް ގިނަފަހަރު އިވިފަ ހުންނަނީ ދަންނަ މީހުންގެ ފަރާތުންކަން ފާހަގަކޮށް ޝާނީ ބުނީ ދިވެހިރާއްޖެއަކީ މިއުޒިކް ސްކޫލްތައް ހުރި ތަނެއްނޫންކަމަށެވެ. އަދި އޭރު މިހާރުހެން ދަސްކުރާ ޔޫޓިއުބް ވީޑިއޯތައްވެސް ނުހުންނަކަމަށާއި ޓެލެންޓް ޑިވޮލޮޕް ކުރަންޖެހެނީ އަމިއްލަ މަސައްކަތުން ކަމަށެވެ.
“މިއަދު އަހަރެން ލަވަކިޔާމިލަނީ ހުސްވަގުތު އަމިއްލަ ހިތްހަމަ ޖެހުމަށް. ލަވަކިޔުން ކެރިއަރ އެއްގޮތައް ރާއްޖޭގަ ނުކުރެވޭނެ. މިކަމުގައި ހިޔާލު ތަފާތުވެދާނެ. އެކަމަކު އެއީ އަހަރެން ދެކޭ ގޮތް.
ލަވަކިއުމުގައި ބޭނުންވާ ހިސާބަށް އާދެވިއްޖެ ކަމަށް ގަބޫލުކުރެވެނީ އާންމުން، ފޭނުންގެ ފަރާތުން ހުއްޓުމެއްނެތި ލިބޭ ތަރުހީބުން. އެކަމަށް ޓަކާ އަބަދުވެސް އެންމެނަށް ވަރަށް ޝުކުރުވެރިވަން.
ހަސަދަ އާއި ފުރައްސާރައަކީ ކޮންމެ އިންސާނަކުވެސް ހަޔާތުގަ ތަހައްމަލު ކުރަންޖެހޭނެ ކަންކަން. ކުރީގަ ވަރަށް ދެރަވެ ލޮލުން ކަރުނަ އާދޭ އެކަމު އޭގެ ސަބަބުން ހިތްވަރު ލިބި ކުރިއަށް ދިއުން އެންމެ މޮޅުގޮތަކީ.”ޝާނީ ބުންޏެވެ.
ޒުވާނުންނަށް އަދި ހިތްވަރު އެލިފައިވާ ކޮންމެ މީހަކަށް ހިތްވަރު ދެމުން ޝާނީ ބުނީ ހިތްވަރާ އެއްކޮށް ފަސްޖެހުމެއް ނެތި ހަޔާތުގަ ކުރާކަމެއްގައި ކުރިއަށް ދިއުމަށް އެދިފައެވެ. “އޭރުން ހުވަފެންތައް ހަޤީޤަތަކަށް ވާނޭ އިންޝާﷲ. އިނގޭ އެއްޗެއް އެހެން މީހުނަށްވެސް ބުނެދޭށޭ، އެއީ އަދި މާބޮޑު ހިތްހަމަޖެހުމެއް” ޝާނީ ބުންޏެވެ.