English Edition
Dhivehi Edition

ނުވަ އަހަރަށްފަހު ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީޒް (ޝާނީ) ގެ ލަވައެއް އާއްމުކޮށްފިއެވެ.

ލަވަކިޔުމަކީ ހަރާމްކަމެއް ކަމަށް ބުނެ މީގެ އަހަރުތަކެއް ކުރިން ޝާނީ ވަނީ ލަވަކިޔުން ހުއްޓާލާ ބުރުގާ އަޅާފައެވެ. އެހެންނަމަވެސް އިއްޔެ ޓްވިޓާގައި ޝާނީ އާއްމު ކޮށްފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ އޭނާ ބުރުގާ ވެސް ނާޅާ ހުރެ ލަވަ ކިޔާ މަންޒަރެވެ. ޓްވިޓާގައި ޝާނީ އާއްމު ކޮށްފައިވާ ލަވައަކީ ގިނަބަޔެއްގެ މެދުގައި މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ “ޕެހެލާ ނަޝާ” ލަވައެވެ. މިލަވަޔާއެކު ޝާނީގެ ފޭނުންނަށް ބުނެފައިވަނީ މިއީ އޭނަ މަޖަލަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ގިނަ ފޭނުންގެ އެދުމުގެ މަތިން ޝާނީ ބުނެފައިވަނީ އޭނަގެ އާ ލަވައެއް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށެވެ. ޝާނީގެ އެ ޓްވީޓަށް ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ. ދީނުގައި ހަރާމް ކަމެއް ކަމަށް ދެކިގެން ހުއްޓާލި ކަމެއް އަނެއްކާ ފެށުމުންނާއި، ބުރުގާ އަޅާފައި ބުރުގާ ނަގާލުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ މީޑިޔާގައި ދައުރުވަމުންނެވެ.

ޝާނީއަކީ 1998 ވަނައަހަރު އައްޑޫ އަތޮޅުގައި ބޭއްވުނު މިއުޒިކް ޝޯވ އަކުން މިދާއިރާއަށް ތަޢާރަފްވި ފަންނާނެކެވެ. އޭނަގެ އަމިއްލަ ރާގުގެ ގިނަ ލަވަތަކުގެ އިތުރުން ކޮޕީ ރާގުތަކަށް ވެސް ޝާނީ ވަނީ ލަވަ ކިޔާފައެވެ. ޝާނީ މި ދާއިރާއާއި ދުރަށް ދިއުން ވެގެން ދިޔައީ އޭނަގެ ފޭނުންނަށް ލިބުނު ހިތާމަވެރި ޚަބަރަކަށެވެ. އެހެންކަމުން ޝާނީގެ އެބުރި އައުމަށް ފޭނުން ވަނީ މަރުހަބާ ކިޔާފައެވެ.