English Edition
Dhivehi Edition

އައްޑޫގައި ސާކްސަމިޓާއި ދިމާކޮށްވެސް ކުރި ކަންތައްތައްކޮށްފައި ވަނީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު އައްޑޫ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހިތުދޫގެ ދެކުނު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވޭތުވެދިޔަ އެކި ސަރުކާރުތަން އައްޑޫ ސިޓީއަށް އެކި ކަންތައް ކޮށްދެން ވައުދުވެފައިވާކަމަށެވެ. އެހެެން ނަމަވެސް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ސަރުކާރުން އައްޑޫއަށް ކޮށްދިން ވަރުގެ ކަމެއް އެހެން އެއްވެސް ސަރުކާރަކުން ކޮށްދީފައި ނުވާކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ފަށައިގެން މި އަންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް އެންމެ ފުރަތަމަ ފޯރުކޮށްދިނުމަށް ވިސްނުމުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީއަކީ ބޮޑު އާބާދީއެއް އުޅޭތަނެއް ނަމަވެސް އެ ސިޓީއަށް ބޭނުންވާ އަސާސީ ހުރިހާ ކަމެއް ފުރިހަމަވެފައި ނުވާކަމަށެވެ. އަދި ޒަމާނުއްސުރެ އައްޑޫ ސިޓީއަށް އަޅާނުލެވި އޮތުމުން ގިނަ ދަތިތަކާއި އައްޑޫ ރައްޔިތުން ކުރިމަތިލާންޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުން އައްޑޫ ސިޓީއަށް ކަންކަން ކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެހެންނަވެސް އެއިން ކޮންމެ ކަމެއްކޮށްދީފައިވަނީ ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

“ސާކްސަމިޓާއި ދިމާކޮށްވެސް ކުރި ކަންތައްތައްކޮށްފައި އެ ހުރީ ދާއިމީ ހައްލެއް ލިބޭ ގޮތަކަށް ނޫން. މަގުހެދުން ކަމުގައި ވިއަސް. އެހެންކަންކަން ވިއަސް. ސާކްސަމިޓް ނިމިގެން ދިޔައިރުގައި ވެގެން ދިޔަގޮތް ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތާހުރީ ގޮޑިކޮޅާއި އެއްޗިހި ހިފައިގެން އެ ބޭފުޅާ ސަރުކާރުން ފައިބައިގެން ދިޔައީ.” ރައީސް ނަޝީދުއަށް އިޝާރަތްކުރައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެމްޑީޕީގެ މި ސަރުކާރުން އައްޑޫއަށް ގެންނަ ތަރައްގީއަކީ އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫންކަމަށާއި އަދި އައްޑޫ ސިޓީގެ ތަރައްގީއަށް ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމުމަށް އައްޑޫ ރައްޔިތުންގެ ތާއީދު ބޭނުންވާކަމަށެވެ.