އައްޑޫ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ފުރިހަމަކޮށްދެއްވައިފި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ.
މޭޔަރު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ޞާލިހު އެ ސިޓީގެ ފޭދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ސާލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށް ވިދާޅުވެ، މޭޔަރު އިތުރަށް ވިދާޅުވީ އައްޑޫ ރައްޔިތުން އެމްޑީޕީއާއެކު ތިބެނީ އެމްޑީޕީގެ ސިޔާސަތުތައް ކަމުދާތީ ކަމަށެވެ. އަދި އެ ކަން ތަންފީޒުކުރެވޭނީ އެމްޑީޕީގެ ވެރިކަމެއް އޮވެގެން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
“އެކަން ފަސޭހަކަމާއެކު ކުރެއްވޭނީ ރައީސް ޞާލިހަށް. އަޅުގަނޑުމެން އުފާވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ވައުދުވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ފުރިހަމަ ކުރައްވައިފައި އަނެއް ދައުރަށް ކުރިމަތި ލައްވައި އަޅުގަނޑުމެންގެ ތާއީދު ހޯއްދަވަން ވަޑައިގަތުމުން،” މޭޔަރު ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ތަރައްގީއަށް މެނިފެސްޓޯ ހުށަހެޅީ އައްޑޫގެ ރައްޔިތުން އަމިއްލައަށް ބޭނުންވާ ކަންކަން ހިމެނުމަށް ފަހުކަން ފާހަގަ ކުރައްވާ ނިޒާރު ވިދާޅުވީ ރައީސް ޞާލިހު ގެންދަވަނީ އެ މެނިފެސްޓޯގައި އެކުލެވޭ ހުރިހާ ކަމެއް ތަންފީޒު ކޮށްދެއްވުމަށް ޓަކައި މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ރައީސް ޞާލިހުގެ ސަރުކާރުން ފެއްޓެވި އެންމެ ބޮޑު މަސައްކަތުގެ ތެރޭގައި އެ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އެގޮތުން 100 ކިލޯމީޓަރުގެ މަގު ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ކަމަށް ވިދާޅުވި އެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ވެސް ޖޫން މަހުގެ ކުރިން ފެށޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވި އެވެ.