ވެހެމުންދިޔަ ބޯވާރޭގެ ތެރެއިން ހިޔާވަހިކަމެއް ލިބޭތޯ އަޔާން ހިނގަމުންދިޔައީ ގޭގޭގެ އަސްކަނިދަށުންނެވެ. ހިނގަމުންދިޔަލެއް ބާރުކަމުން ބައެއްފަހަރު ފައިކައްސާލަން އުޅޭހެންވެސް ހީވެއެވެ. އެހެންނަމަވެސް ގަޑިން ދިހައެއް ޖަހަނީއެވެ. ފިހާރަތައް ބަންދުކުރަންވާއިރަށް ކޮންމެހެން ވެސް ގަންނަންޖެހޭ ބައެއް ތަކެތި އެބަހުއްޓެވެ. މިރެއަކީ އާއަހަރު ފެށޭ ރެއެވެ. އަތިރިމަތީގައި އޮތް ބާބަކިއުއަށް އެއްޗެހި ގަންނަން ޖެހެއެވެ. އެހެން ނޫނީ ގުރޫޕުމީހުން ގާތުން ސަލާމަތް ނުވާނެއެވެ. ކުރިއަށްވުރެ ވެސް އަޔާންގެ ހިނގުން ބާރުކޮށްލިއެވެ. ކުއްލިއަކަށް މީހެއްގެ ގައިގައި އަޅައިގަނެފައި އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. އެދިޔަބާރުމިނުގައި ގޮސް ވެއްޓުނީ މަގުމަތީގައި އޮތް ފެންގަނޑު ތެރެއަށެވެ. އަޔާންއާއެކު އެހެން މީހަކު ވެސް ފެންގަނޑުތެރެއަށް ވެއްޓުނެވެ.
ޗަކަފެންގަނޑުތެރޭގައި އަޔާންއަށް އޮވެވުނެވެ. ހައިރާން ވެފައެވެ. އޭނާއާ އެކުގައި ވެއްޓުނީ އަންހެން ކުއްޖެކެވެ. އަންހެންކުއްޖާގެ އިސްތަށިގަނޑުގެ ބޮޑުބައެއް ވަނީ އަޔާންގެ މޫނުމަތީގައެވެ. އެ އަންހެން ކުއްޖާގެ ނޭވާގެ ހޫނުކަން އަޔާނަށް އިޙުސާސް ވިއެވެ. ބުނެދެން ނޭނގޭ ކަހަލަ ގޮތްތަކެއް އަޔާނަށް ވިއެވެ. ވަގުތުކޮޅަކަށް ނޭވާ ހުއްޓުނު ކަހަލައެވެ. ލަދުގަންނަ ގޮތްވެސް ވިއެވެ. އެއަންހެން ކުއްޖާ ވެސް އަވަސް އަވަހަށް ތެދުވެ ގައިގައި ތަތްލާފައިވާ ހެނދުން ރަނގަޅު ކޮށްލަމުން ” ސޮރީ” އޭ ބުނެ ދާން ހިނގައިގަތެވެ. އަޔާނަށް ހުރެވުނީ ބަހެއް ބުނަންވެސް ނޭގިފައެވެ. އެއަންހެން ކުއްޖާގެ ބުރުސޫރަ ފެނުމާއެކު އަޔާނަށް އެވީގޮތް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ބޯވާރޭގެ ތެރެއިން ވެސް އެ އަންހެން ކުއްޖާގެ ހެދިހުރި ބަނިޔާދަން ހަށިގަނޑު އަޔާންގެ ހިތުގައި ބިންވަޅު ނެގުނެވެ. އެ އަންހެންކުއްޖާ މަގުން ނިވާވަންދެން އަޔާން ހުރީ އެސްފިޔަވެސް ޖަހާ ނުލައެވެ. އަޔާން ސިއްސައިގެން ދިޔައީ ސައިކަލެއްގެ ބަރުގޮނުގެ އަޑަށެވެ.
ގައިން ޗަކަވެލިތައް ފިލުވަމުން އަޔާން ވެސް އަވަސްވެގަތީ ފިހާރައަށް ދިއުމަށެވެ. ބާބަކިއުއަށް ބޭނުންވާ ތަކެތި ގަނެގެން އަތިރިމައްޗަށް ދިޔައިރު ގުރޫޕުގެ އެންމެން އަޔާންގެ އިންތިޒާރުގައި ތިއްބެވެ. އަޔާން ފެނުމާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭންފެށިއެވެ. ތެމިފައިވާ އަޔާންވެސް ފާޑަކަށް ލަދުގަތެވެ. ގުރޫޕުގެ ބައެއް މީހުން ތެމިފަ ހުރީ ކީއްވެތޯ އަހަން ފެށިއެވެ. ދެންތިބި މީހުން ޗަކަގަނޑުގައި ކުޅުނީ ކޮން ކުޅިވަރެއްތޯ އެހިއެވެ. ވާނީވެސް އެހެންތާއެވެ. އަޔާންގެ ގައިގާ ހުރީ ހުސް ޗަކައެވެ. ހުރިހާ އެންމެން އެކިކަހަލަ ސުވާލުތައް ކުރަމުން ދިޔައިރު ވެސް އަޔާން ހުރީ ބަސް ހުއްޓިފައެވެ. އަޔާންގެ ކުރިމަތީގައި ގުރޫޕ މީހުން ތިއްބަސް އޭނާގެ ޚިޔާލުވަނީ މާ ދުރުގައެވެ. ފެންގަނޑު ތެރެއިން ދިމާވި އަންހެން ކުއްޖާގެ ސޫރަ އަޔާންގެ ކުރިމަތިން ފެންނަނީއެވެ. ގުރޫޕު މީހުންގެ ދިމާކުރުންތައް ނުހުއްޓޭނެކަން އަޔާނަށް އެނގެއެވެ. އެހެންވެ އަވަސް އަވަހަށް އެއްޗެގި ބަދަލުކޮށްގެން އެބަ އަންނަމޭ ކިޔާފައި އަޔާން ހިނގައިގަތީ ގެއަށް ދިއުމަށެވެ.
އަޔާންއަކީ އަޒީޒާއާ ފިރާޤުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލޮލޮގެ ކޮއި ފަދައިން އެދެމަފިރިން އަޔާން ބަލާ ބޮޑުކުރީ އިސްލާމްދީނުގެ ފުރިހަމަ އަޚުލާގުގެ މަތީގައެވެ. ރަށު ސްކޫލުން އޭލެވެލް ނިންމާލުމަށް ފަހު ރަށުގައި ވަޒީފާ އަދާކުރަން ނިންމި ނިންމުމަކީ އަޔާންގެ ހިތުގައި އޭނާގެ މައިންބަފައިންނަށް އޮތް ލޯތްބާ ޤަދަރު ހާމަވަގެން ދިޔަ ކަމަކެވެ. އެކަމާ އޭނާގެ މައިންބަފައިން ނުހަނު އުފާ ކުރެއެވެ. އަދި އެދަމަފިރިންނަށް ދެވުނު ތަރުބިއްޔަތާމެދު ފަޚުރު ވެރިވެއެވެ. އަޔާން ވަޒީފާ އަދާކުރަނީ ރަށު ކައުންސިލްގައެވެ. އޭނާގެ ހުރިހާ ރައްޓެހިންނަކީ ވެސްރަށުގެ އެކި ކުންފުނިތަކާ އޮފީސްތަކުގައި ވަޒީފާ އަދާ ކުރާމީހެނެވެ. ދީންވެރިކަމަށް ނުހަނު ލޯބިކުރާ އަޔާންގެ ހިތުގައި އަންހެން ކުއްޖެއްގެ އިޙުސާސް ނެތީކީ ނޫނެވެ. އޭނާއަށް ކަމުދާ ކަހަލަ އަންހެން ކުއްޖަކު ނެތީއެވެ. އަޔާން ބޭނުންވަނީ އޭނާގެ މަންމަމެންނާ ގުޅިގެން އުޅެވޭ ކަހަލަ އިޚުލާސްތެރި އެކެވެ. ހެޔޮލަފާ އަންހެން ކުއްޖެކެވެ.
އަވަސް އަވަސްކޮށްލައިގެން އަޔާން ގުރޫޕުމީހުން ތިބި ތަނަށް ދިޔައެވެ. އޭރު ގަޑިން 11ގަޑި ބައިވަނީއެވެ. ބާރަޖަހަން ވާއިރަށް މަސްތައްފިހެ ކެއުން ތައްޔާރުކުރުމަށް އެންމެވެސް އަވަދިނެތި އުޅެމުން ދަނީއެވެ.
” އަޔާން ހާދަ ހީވެޔޭ އަނެއްކާ” ނާމީ އަޔާންއާ ދިމާކޮށްލިއެވެ. ނާމީއަކީ ހުރިހާ ރައްޓެހިންގެ ތެރެއިން ވެސް އަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ” އޭ މިތާކު ނޫން ، ފަހުން އެވާހަކަ ކިޔައިދޭނަން” ދެން ނާމީއަށް ކިޔައިދޭނެއްނު،
” އާނ މައްސަލައެއް ނެތް” ނާމީ އަޔާންއާ ދެކޮޅެއް ނުހަދާނެއެވެ. ގަޑިން ބާރަ ޖެހުމާއެކު އާ އަހަރުގެ ތަހުނިޔާ އެކަކު އަނެކަކަށް ކިޔަމުން ދިޔައެވެ. އަދި މިއަހަރު އެންމެ މުހީއްމު ކަމަކަށް ކުރާނީ ކޮންކަމެއްތޯ އެކަކު އަނެކަކަށް އަހަމުން ދިޔައެވެ. މިފަހަރު އަޔާންގެ ފަހަރެވެ. އަޔާންއާ އެސުވާލު ކުރެވުނެވެ. އެންމެންވެސް ތިބީ އަޔާން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
” އަހަރެން މިއަހަރު ކައިވެނި ކުރާނަން!” އަޔާންގެ އެ ޖުމުލައިން މުޅި ގުރޫޕު ހަމަ ހިމޭން ވެއްޖެއެވެ. އެތައް ބަޔަކު ކެނޑިނޭޅި ކުރަމުން ދިޔަ އިންތިޒާރުތައް ނިމުމަކަށް އައީއެވެ. އެހެން ނަމަވެސް އަޔާންގެ އެޖުމުލަ ގުރޫޕުގެ މީހުނަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު ނާމީއަށް ކޮންމެސް ވަރަކަށް ޤަބޫލުކުރެވުނެވެ.
” ކައިންވެންޏޭ އަޔާން ކަލޭ!” ފާޒިރު އެހެން ބުނީ އަޅައިގަންނަމުންނެވެ. ” އަޔާން ކަލޭ މީހަކާ އިންނާނަމޭ” ތިޔަހެންވިއްޔާ އަހަރެން ވަރިކުރާނަން! ނިޔާޒް އެހެން ބުނުމުން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހޭން ފެށިއެވެ. ” އަޔާން ކަލޭ މީހަކާ އިނދެފިއްޔާ މިރަށުގެ އެތައް އަންހެން ކުދިންނެއް އެނދުމަތި ކުރަންޖެހޭނެކަން ޔަޤީން! ޔާމީން އަޔާންއާ ދިމާކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. އަނބިފުރާވަރަށް އަރާފަ ތިބި އެތައް އަންހެން ކުދިންނެއް އަޔާންހެދީ މޮޔަވަނީއެވެ. އަޔާންގެ އެ ފިރިހެންވަންތަ ހަށިގަނޑު ފެނިފައި ދީވާނާ ނުވާ ކުއްޖަކު ނެތެވެ. އެ މަޑުމައިތިރިކަމާ އެ ހިތްހެޔޮކަމާ މުރާލިކަން ހުރި ފިރިއަކު ބޭނުން ނުވާނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ކޮންމެ މަންމައަކާ ބައްޕައަކު ބޭނުންވަނީ އެމީހުންގެ އަންހެން ދަރިފުޅުގެ ފިރިއަކަށް އަޔާން ހަދާށެވެ.
” ހޫމް ކަލޭމެން ހީކުރަނީ މަ ދުވަހަކުވެސް މީހަކާ ނީންނާނެކަމަށްތަ؟ ބަލަ މީހަކާ އިންނަންވާނީ ވަރަށް ވިސްނާފަ، އަވަސް އަރުވާލައިގެން ކައިވެނި ކޮށްފިނަމަ ގެއްލުމެއްވެސް ވެދާނެ، މުސްކުޅިން ބުނެއެއްނު ކެނޑުމުގެ ކުރިން ވަކަރަށް ޖަހާށޭ،، އިރުވަރު ނުބަލާ އޮޑިނުބާލާށެ ވެސް ބުނާތީ އަހަން! އަޔާންގެ އެ ޖަޒުބާތީ ޖުމުލަތައް އަޑުއަހަމުން ދިޔައިރު ގުރޫޕު އެންމެން ވެސް ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ބަސްމަދު ލަދުރަކި އަޔާންއަށް މިރޭ ވެފައި އެވަނީ ކީއްހެއްޔެވެ؟
” ހޫމް ކެނޑުމުގެ ވަކަރަކަށް ނޫން ލަކުޑިއަށް ޖެހިޔަސް ތިޔަކަމެއް ވޭތޯ ބަލާބަލަ! ފާޒިރު އަނެއްކާ ވެސް އަޔާންއާ ދިމާކޮށްލިއެވެ. ” އަޔާންއަށް އަނެއްކާ ކިހިނެއްބާ ވީ! ކޮންމެވެސް ބޮޑު ކަމެއްވެއްޖެ! އެހެން ނޫނީ އެކަހަލަ ވާހަކައެއް ނުދައްކާނެ! ނާމީ ހިތާހިތުން ކިޔާލިއެވެ. ” އަޅެފަހެ އިންސާނުން އެކި ދުވަހު އުޅޭނީ އެކި ގޮތަށެވެ، ބަދަލުތައް ވެސް އަންނާނެއެއްނު،،ދޯ އަޔާން! ނާމީ އަޔާންއާ އެއްބައިވަމުން ބުނެލިއެވެ. އަޔާން ބޯޖަހާލީ ނާމީއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އޭރުވެސް އަޔާންއަށް އިނދެވުނީ އެ އަންހެން ކުއްޖާގެ ޚިޔާލުގައެވެ. އެއީ ކާކުބާއެވެ. ކިޔަނީ ކޮން ނަމެއްބާވައެވެ. މިރަށު ކުއްޖެއް ބާވައެވެ. އުޅެނީ ކޮންތާކު ބާވައެވެ. ހާދަރީއްޗެވެ.
(ނުނިމޭ)