English Edition
Dhivehi Edition

ވިމެން އެންޓަރޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވިއަމް) އިން އައްޑޫސިޓީގައި ހިންގި މޭކަޕްކުރަން ދަސްކޮށްދޭ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް އީކުއޭޓަރވިލެޖުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ “ޗާލު ގޮމަ” މޭކަޕް ކޯސް ފުރިހަކޮށް 21 މީހުން ވަނީ ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހުމާން އަބްދުﷲ އިބްރާހީމް ވިދާޅުވީ މިފަދަ ކޯހެއް އައްޑޫގެ ކަނބަލުން ހިންގެވުމަކީ އެ ކަނބަލުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ ކަމަށެވެ. މިފަދަ ކޯހެއްގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ކުރެވޭނީ އެއިން ދަސްވި އެއްޗެއް ވިޔަފާރީގެ ތެރެއަށް ވައްދައިގެން ވިޔަފާރި އުސޫލުން އެކަން ކޮށްގެން ކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.

ކޯހާ ބެހޭ ގޮތުން ބައިވެރިން ބުނެފައިވަނީ މިއީ މިދާއިރާއިން ކުރިއަށްދިޔުމަށް ކޮށުނު މަގެއް ކަމަށެވެ. ކުރިން ނޭނގޭ އެތައް ކަމެއް ކޯހުން އެނގިގެންދިޔަ ކަމަށްވެސް ބުނެފައިވެއެވެ. މިފަދަ އިތުރު ކޯސްތައް މުސްތަގުބަލުގައި އައްޑޫގައި ކުރިއަށް ގެންދާނެ ކަމަށް ވިއަމްއިން ބުނެފައިވެއެވެ.

ޓެގު