އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލައި ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދޫކޮށްލައިފިއެވެ.
ވ. އާރަށް މައްސަލާގައި މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ މާލޭގެ މަގުމަތީގައި ކޮންމެ ރެއަކު މުޒާހަރާކުރަމުންނެވެ. މި ގޮތުން ރޭ މުޒާހަރާތެރެއިން މުއިއްޒު ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަގުގައި ހުންނަވަނިކޮށެވެ.
މުއިއްޒު ހައްޔަރުކުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ބުނީ އެއީ ގާނޫނު އަސާސީން ލިބިދޭ ޝުއޫރު ފާޅުކުރުމުގެ ހައްގު ހަނިކޮށް ހިންގާފައިވާ އަމަލެއްކަމަށެވެ. އަދި އެއީ މާލެ ސިޓީގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ހޮވާފައި ހުރި މޭޔަރުގެ ބާރު ކަނޑުވާލައި އަޑު ކަނޑުވާލުމަށް ހިންގާފައިވާ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ.
ރައީސް ޔާމީންއަށް އިއްވާފައިވަނީ ހަރާމް ހުކުމެއް ކަމަށް ބުނެ ޔާމީން މިނިވަން ވަންދެން މުޒާހަރާތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.