ސަރުކާރުގެ ޚަރަދު ކުޑަކުރަން ޖެހުނީ ސަރުކާރުގެ ރޭވުންތެރިކަމެއް ނެތީމާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރަން ފުވައްމުލަކުގައި މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުމން ނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ އަހަރު އައި އިރު ރާއްޖެ ދަތީގެ ތެރެެއަށް ގޮސް، ވަޒީފާތައް މަދުކޮށް، ޚަރަދު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. އަދި ދައުލަތުން ދޭ އިނާޔަތްތައް ވެސް މަދުކުރަން ޖެހިފައިވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުން ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އެއީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
“ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެ. ޖެނުއަރީ އެއް ވަނަ ދުވަހު އުފުލުނު ވަރަށް ވުރެ ވެސް ބޮޑަށް އަދި އުފުލޭނެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް.” ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ފިހާރަތަކުގައި އެހުރި މުދާ ހުސްވީމާ ދެން ގެންނަ މުދާ އަދި އިންތިހާއަށް އަގުބޮޑުވާނެ ކަމަށެވެ. އަދި އެ މުދަލުގެ ހުރިހާ އެއްޗަކަށް ބޮޑު އަގު އޮންނާނީ ވަދެފައި ކަމަށެވެ.
ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަން ފެށްޓެވުމުގެ ކުރިން ވެސް އެމަނިކުފާނު ވަނީ، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް އެކި ފަހަރުމަތިން ފާޑުވިދާޅުވެފަ އެވެ.