English Edition
Dhivehi Edition

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޤުރުއާން މުބާރާތް “ރަންތާޖު” ލޯންޗުކޮށްފި އެވެ.

މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ރާއްޖެ ޓީވީ ގުޅިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.

މުބާރާތް ލޯންޗު ކުރުމުގެ ގޮތުން މިއަދު ވަނީ ރާއްޖެ ޓީވީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި މުބާރާތް ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙުމަދު މަހްލޫފް އާއި އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒާހިރު ޢަލީއެވެ. އެއަށް ފަހު މުބާރާތުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓްރީ އަދި ރާއްޖެ ޓީވީން ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އަޙުމަދު މަހްލޫފްއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރެއްވިއިރު ރާއްޖެ ޓީވީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. މި މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 10 ސަރަހައްދެއްގައި ކުރިޔަށް ގެންދާނެއެވެ. އަދި 20 ބައިވެރިން އޮޑިޝަންގެ ތެރެއިން ހޮވާނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން (އާރްޓީ ސްޕޭސް، ފުރިހަމަ ނަން، އުމުރު، އައިޑީ ނަންބަރު، އޮޑިޝަން ހަދަން ބޭނުންވާ ސަރަޙައްދު) ޖެހުމަށްފަހު، 450 އެސްއެމްއެސް ކުރުމަށް ވަނީ ހުޅުވާލާފަ އެވެ. މިއީ 16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.

އޮޑިޝަން ކުރިއަށްދާ ސަރަޙައްދުތަކަކީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލަކު ސިޓީ، ގދ ތިނަދޫ، ލ ގަން، ދ ކުޑަހުވަދޫ، އއ ރަސްދޫ، ބ އޭދަފުށި، ށ ފުނަދޫ، ހދ ކުޅުދުއްފުށި އަދި މާލެ ސިޓީ އެވެ.