English Edition
Dhivehi Edition

ބޮލީވުޑްގެ ‘ބައިޖާން’ ސަލްމާން ޙާން، އޭނަގެ 56 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އަބަދުވެސް ފިޓްކޮށް ހުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގެ ސަބަބުން އުމުރަށްވުރެ ޒުވާންކޮށް ދައްކާ ސަލްމާން މި ފަހަރުވެސް އޭނަގެ އުފަން ދުވަސް ފާހަގަކޮށްފައިވަނީ އައިލާ އާއި ވަރަށް ގާތް ރަހްމަތްތެރިންނައެކުގައެވެ. އުމުރުން 56 އަހަރުވެފައިވީ ނަމަވެސް އަދިވެސް ޒުވާން ބަތަލާއިންނާއެކު ފެނިގެންދާ ސަލްމާން ގެ ފިލްމީ މަސައްކަތް ފެށިގެން ދިޔައީ 1988 ވަނަ އަހަރުގައެވެ.

ބޮލީވުޑްގެ ލޯބީގެ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ސަލްމާން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 1988 ވަނަ އަހަރު ރިލީޒްކުރި ފިލްމު ‘ބީވީ ހޯތޯ އެއިސާ’ އިންނެވެ. އޭގެ ފަހުން 1989 ވަނަ އަހަރު ‘މެއިނާ ޕިޔާރު ކިޔާ’ ގައި ސަލްމާން ދައްކާފައިވާ މޮޅު އެކްޓިންގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން އޭނާ ހޯދިއެވެ. ސަލްމާންގެ މި ފިލްމާއެކު ބޮލީވުޑްގައި ލޯބީގެ ފިލްމުތަކަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. މި ފިލްމާއެކު ސަލްމާން ވެގެން ދިޔައީ ބޮލީވުޑްގެ ތާރިހުގައިވެސް އަލަށް ފިލްމީ ދާއިރާއަށް ނުކުތް ތަރިންގެ ތެރެއިން އެންމެ މޮޅު ހުނަރެއް ދެއްކި ފަންނާނަށެވެ. ސަލްމާން ކުޅުނު ބައެއް ފިލްމުތައް ފްލޮޕްވި ނަމަވެސް އޭނާއަކީ ބޮލީވުޑްގެ ގިނަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ދޫކޮށްލި މަދު ތަރިންގެ ތެރޭގައި ގުނާލެވޭނެ ތަރިއެކެވެ.

ބޮލީވުޑްގެ ހުރިހާ ރަހަތަކެއްގެ ފިލްމުތައްވެސް ކުޅެފައިވާ ސަލްމާންގެ ކޮމެޑީ ފިލްމު ‘އަންދާޒް އަޕްނަ އަޕްނާ’އަކީވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ފިލްމެކެވެ. ސަލްމާން ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ކުޗްކުޗް ހޯތާހޭ އާއި ހަމް އާޕްކީ ހޭ ކޯން އަދި ކަރަން އަރުޖުން ފަދަ ފިލްމުތަކަކީ އަދިވެސް ދިވެހިންގެ މެދުގައި އެ ފަދަ ދެވަނަ އެއް ނެތް ފިލްމުތަކެވެ. ސަލްމާންގެ ލޯބީގެ ފިލްމުތަކަށް ލިބުނު ފަދަ ތަރުހީބެއް އޭނާ ކުޅުނު އެކްޝަން ފިލްމުތަކަށްވެސް ވަނީ ލިބިގެން ގޮސްފައެވެ. 2009 ވަނަ އަހަރު ސަލްމާން ކުޅުނު ފިލްމު ވޯންޓެޑް އާއި އެކު ބޮލީވުޑްގެ ސުޕަރސްޓާރުގެ ލަގަބު އޭނާ ވަނީ ހޯދާފައެވެ، މި ފިލްމަކީ އިންޑިއަގެ ސިނަމާތަކުގައި މިހާތަނަށް ދެއްކި އެންމެ ކާމިޔާބު އެއް ފިލްމެވެ. ވޯންޓެޑް އަށްފަހު ދަބަން އާއި ރެޑީ އަދި އެކްތަ ޓައިގަރ ގެ އިތުރުން ބޮޑީގާޑްއަކީ ފަހުގެ ތާރީހެއްގައި ބޮޑު ކާމިޔާބީތައް ހޯދި ފިލްމުތަކެވެ.

ފިލްމީ އާއިލާއަކުން ބޮލީވުޑްއަށް ތައާރަފްވި، ސަލްމާންގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކިސީކީ ބައި ކިސީކީ ޖާން، ޕަތާން އާއި ޓައިގަ 3 ހިމެނެއެވެ.