English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އައްޑޫސިޓީއާ ފުވައްމުލައްސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި މިއަދު އައްޑޫ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި އައްޑޫސިޓީގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލައްވާނެއެވެ. އަދި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ.

މީގެ އިތުރުން ހުޅުމީދޫ ހެލްތު ސެންޓަރުގައި، އަލަށް ފަށާ ޚިދުމަތްތައްވެސް ނައިބު ރައީސް އިފްތިތާޙްކޮށްދެއްވާނެއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ފުވައްމުލައްސިޓީއަށް ވަޑައިގެން، އެސިޓީގައި ހިންގޭ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލައްވައި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް ހުޅުއްވައި ދެއްވާނެއެވެ. މީގެ އިތުރުން ޏ އަތޮޅުތަޢުލީމީ މަރުކަޒުގެ އަހަރީ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާ ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވާނެއެވެ.

ނައިބު ރައީސް، އައްޑޫ ސިޓީއާ ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ.