English Edition
Dhivehi Edition

އިންސާނީ ހައްގުތަކުގެ ދާއިރާއިން ދިވެހި ދައުލަތުގެ އެންމެ އިސް ސިޔާސަތަކީ، އަސާސީ ހިދުމަތްތައް ދިނުމުގައި ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ އިންސާނީ އަސާސީ ހައްގުތަކާ ގުޅިފައިވާ ޒަރޫރީ ހިދުމަތްތައް، ދިވެހި ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުންކުރަމުން ދާކަމަށެވެ. އެގޮތުން މެދުނުކެނޑި ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން “ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް” ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިޙްތިރާމާއި ގަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. އަދި އެމަނިކުފާނު ވަނީ މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމައުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢަމަލާތު ކޮށްގެންކަމަށާއި، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންކަމުގައި ފާހަގަކުރައްވާފައެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާއިރު، އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހެނީ މުޖުތަމައުގައި ހުރި އިންސާނީ ހައްގުތަކަށް ހުރަސްއެޅޭ ކަންކަން ނައްތާލުމަށްކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހޭކަމަށާއި، އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެކަމަށާއި، ދޮށީ ޢުމުރުގެ މީހުންނަށް ހައްގުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭކަމަށާއި، މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމައުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާހައުލެއް ފަހިކޮށްދިނުމަށް ރައީސް ވިދާޅުވިއެވެ.

ޓެގު