English Edition
Dhivehi Edition

މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއަޓާއިން ނެދަލެންޑްސް އާޖެންޓީނާ އަތުން ބަލިވެ ކެޓުމާއި އެކު އެޓީމުގެ ހެޑް ކޯޗު ކުއިސް ވެންހާލް ކޯޗުގެ މަޤާމުން އިސްތިއުފާ ދީފިއެވެ.

ނެދަލެންޑްސް ރޭ ކުލުނު ކުއަޓާ ފައިނަލް މެޗުން އާޖެންޓީނާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެން 3-4 ގެ ނަތީޖާއިންނެވެ.

އުމުުރުން 71 އަހަރުގެ ވެންހާލް ނެދަލޭންޑްސްގެ ކޯޗު ކަމާއި ހަވަލުވި 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. މިއީ އޭނާ ނެދަލެންޑްސްގެ ކޯޗު ކަމާއި ހަވަލުވި ތިންވަނަ ފަހަރެވެ. މީގެ ކުރިން ވެންހާލް ނެދަލެންޑްސްގެ ކޯޗުކަމާއި ހަވަލުވެފައިވަނީ 2000 ވަނަ އަހަރާއި 2012 ވަނަ އަހަރުގައެވެ.

މީގެ ކުރިންވެސް ބުނެފައިވާ ގޮތަށް ވެންހާލް ގެ ނިންމުން ނިންމާފައިވާއިރު، ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ވެންހާލް ބުނީ ނެދަލޭންޑްސްގެ ގައުމީ ޓީމާއެކު އިތުރަށް ކުރިއަށް ދިޔުމުގެ ވިސްނުމެއް ނެތުމުން ވޯލްޑް ކަޕުން ޓީމު ކެޓުމާއި އެކު މަޤާމުންވެސް ވަކިވާން ނިންމީކަމަށެވެ.

ވެންހާލް ނެދަލެންޑްސްގެ ކޯޗުކަމާއި ހަވާލުވި ފަހުން އެޓީމުން މިހާތަނަށް 20 މެޗެއް ކުޅެފައިވާއިރު، އޭގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. 14 މެޗުން މޮޅުވިއިރު، އަނެއް ހަ މެޗު ވަނި އެއްވަރުވެފައެވެ.

ވެންހާލް އިސްތިއުފަ ދިނުމާއި ގުލިގެން ނެދަލެންޑްސް ފުޓުބޯޅަ ފެޑެރޭސަނުން މިހާރު ގެންދަނީ އިތުރު ކޯޗެއް ހޯދުމުގެ މައްސަކަތް ކުރަމުން ކަމަށް ރިޕޯޓްސްތައް ބުނެއެވެ.