English Edition
Dhivehi Edition

2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި މި ބަޖެޓު ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުން ނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވޯޓު ދެއްވި އެވެ.

ބަޖެޓްގެ ކޮމިޓީ ބަޖެޓު ފާސްކުރިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ބައެއް އިސްލާހް ހުށަހެޅުއްވިނަމަވެސް، އެއްވެސް އިސްލާހެއް ފާހެއް ނުވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުން ނެވެ.

ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ކޮމެޓީން ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މިމަހުގެ 18ވަނަ ދުވަހު ބަޖެޓް ކޮމެޓީން ފާސްކޮށްފައިވަނީ ބަޖެޓް ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއެކު ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

ބަޖެޓްގެ ބަހުސް މަރުހަލާގައި މެމްބަރުންގެ ތެރެއިން ބަޖެޓާމެދު ކަންބޮޑުވުން ފާޅުކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ ބަޖެޓަކަށް މިބަޖެޓް ނުވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަންނަމުން އަންނަކަމަށް ވިދާޅުވެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސަރުކާރުން އަންދާޒާކުރާ ޢަދަދަށް ހިލޭ އެހީއާއި ބޭރު ފައިސާ ނުލިބޭކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލެމުން އަންނަކަމަށްވެސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ބަޖެޓަށް ތާއީދުކޮށް ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިބަޖެޓަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ތަރައްޤީގެ ކަންކަން ހާސިލްވެގެންދާނެ އުންމީދީ ބަޖެޓެއްކަމަށް ވިދާޅުވެފައެވެ. އަދި މިބަޖެޓަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށާއި، އިޤްތިޞާދީ ގޮންޖެހުންތަކުންވެސް އަރައި ގަތުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ޤައުމުގެ ކުރިމަގަށް އުންމީދެއް އޮތް ބަޖެޓެއްކަމަށް ވަނީ ވިދާޅުވެފައެވެ

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުންކަމަށް ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ. މިގޮތުން ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް ބަޖެޓުގައި އިސްކަންދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ އިންގިލާބީ ބަދަލުތަކެއް އަންނަކަމުގެ އިހުސާސް ރައްޔިތުންނާ ގާތްކޮށްދިނުންކަމަށް ބަޖެޓުގައި ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ.