English Edition
Dhivehi Edition
ފިނެންސް މިނިސްޓަރ އިބްރާހިމް އަމީރު/ފޮޓޯ މަޖިލިސް މީޑިއާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފިއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހަޅުއްވާ ބަޖެޓްގައި އަންނަ އަހަރަށް ލަފާކުރަނީ 41.5 ބިލިއަން ރުފިޔާއެވެ. މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތަށް ލިބޭ އާމްދަނީއާއި، ޚަރަދުތަކާއި، ސަރުކާރުން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރ ހިއްސާކުރައްވާނެއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން، ދައުލަތުން ހުށަހަޅާ ބަޖެޓަށް މަޖިލީހުން އުނި އިތުރު ގެނެވޭނެއެވެ. މަޖިލީހަށް ބަޖެޓު ހުށަހެޅުމުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ބަޖެޓު ކޮމިޓީން ބަޖެޓު ދިރާސާކުރުމުގެ މަސައްކަތެވެ.

ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ، 2023 އިން 2025އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ މާލީ ޙާލަތު ރަނގަޅުކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަޤީންކުރުން ކަމަށެވެ.

އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ކުރާ އެންމެ މުހިންމު އެއް ކަމަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ މަތިކޮށްގެން އާމްދަނީ އިތުރުކުމެވެ. އަންނަ އަހަރުގެ އާމްދަނީ 30 ބިލިއަންގައި ހުންނާނެކަމަށް ފިނޭންސް މިނިސްޓަރ ލަފާކުރައްވައެވެ.

މިހިނގާ 2022 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 36.99 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.