English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގުރޫޕް އެފްގައި ކްރޮއޭޝިއާ އަތުން 4-1 އިން ބަލިވެ ކެނެޑާ ކަޓައިފިއެވެ.

މިރޭ ކްރޮއޭޝިއާ އަތުންބަލިވެ ކެނެޑާ ،މުބާރާތުން ކެޓިއިރު، މިރޭ ހޯދި މޮޅާއި އެކު ކްރޮއޭޝިއާއަށް ހަތަރު ޕޮއިންޓު ލިބިގެން ގުރޫޕުގެ ދެވަނަ މަޤާމު އަތުލިއިރު، މި ގުރޫޕުގެ އެއްވަނާގައި އޮތީ މިރޭ ބެލްޖިއަމް ބަލިކުރި މޮރޮކޯއެވެ. މޮރޮކޯއަށް ވެސް ދެމެޗުން ހަތަރު ޕޮއިންޓު ލިބުނުއިރު، އެޓީމަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ބެލްޖިއަމް އޮތީ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓް އާއި އެކު ތިންވަނާގައެވެ. އަދި ފުލުގައި އޮތީ ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތް ކެނެޑާއެވެ.

މެޗު ފެށިގެން ފުރަތަމަ 20 ވަރަކަށް މިނެޓު ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. އެގޮތުން މެޗު ފެށިގެން އެއް މިނެޓު ތެރޭ ކެނެޑާއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިއީ ކެނެޑާގެ އަރިމަތިން ކުޅެމުން އަންނަ ޓަޖޮން ބުކަނަން ނަގައި ދިން ހުރަހަކުން އަލްފަންސޯ ޑޭވީސް ޖެހި ލަނޑެކެވެ.

ކްރޮއޭޝިއާއި ގޭމުގެ ތެރެއަށް ވަދެ ކޮންޓްރޯލް ނެގީ ހާފުގެ ފަހު ކޮޅުގައެވެ. އެގޮތުން ރަނގަޅު ޕާސިން ގޭމެއް ކުޅެ ކެނެޑާހެ ފަހަތަށް ބާރު ބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ކްރޮއޭޝިއާ އިން ވަނީ ލަނޑެއް ވެސް ޖަހައިފައެވެ. ނަމަވެސް މި ލަނޑު އޮފްސައިޑް ލަނޑެއް ކަމަށް ނިންމީއެވެ.

ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ މެޗުގެ 36 ވަނަ މިނެޓުގައެވެ. އަރިމަތީގައި ހުރި އިވާން ޕެރިސިޗް ދިން ބޯޅައެއްގައި މި ގޯލް ކާމިޔާބުކޮށް ދިނީ ކްރަމަރިޗްއެވެ. ކްރޮއޭޝިއާ އިން ލީޑް ނެގީ ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް މާކޯ ލިވަޖާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ..

ދެވަނަ ހާފް ފަށައިގެން ރަނގަޅަށް ކުޅުނީ ކްރޮއޭޝިއާއިންނެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ތިންވަނަ ލަނޑެއް ޖަހާ ކްރޮއޭޝިއާ އިން މެޗުގައި ލީޑް ފުޅާކުރިއެވެ. ޕެރިސިޗް،ގެ އެހީތެރި ކަމާއި އެކު މި ލަނޑު ކްރޮއެޝިއާއަށް ޖަހައިދިނީ ކްރަމަރިޗްއެވެ. މެޗުގައި ކްރޮއޭޝިއާގެ ހަތަރު ވަނަ ލަނޑު ޖަހާފައި ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން ހަތަރު ވަނަ މިނެޓުގައި ލަވްރޯ މާޔާއެވެ.