English Edition
Dhivehi Edition

“ޖަޕާން މޯލްޑިވްސް ފެސްޓިވަލް” ގެ ނަމުގައި ފެސްޓިވަލެއް ބާންވަން ޖަޕާނުގެ އެމްބަސީން ނިންމައިފި އެވެ.

މިއީ ރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 55 އަހަރު ފުރުން ފާހަގަކުރުމުގެގޮތުން ބާއްވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލް އޮންނާނީ ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު 4:00 އިން ރޭގަނޑު 10 ޖަހަންދެން ނެެވެ.

މިފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ ޖަޕާނުގެ ސަޤާފަތާއި އާދަކާދަތަކުގެ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށްދީ، ސަޤާފީކަންކަން އެއްތަނަކުން ތަޖުރިބާކުރުމަށް ފުރުޞަތު ދިނުމެވެ.

އެގޮތުން މި ފެސްޓިވަލްގައި މާޝިއަލް އާޓްސް، ޖަޕާނުގެ ކެއުމެއްކަމަށްވާ “ސޫޝީ” ތައްޔާރުކުރުން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް އެ އެމްބަސީން ބުނެއެވެ.

މީގެ އިތުރުން ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދާ މި ފެސްޓިވަލްގައި ޖަޕާނުގެ ސަޤާފަތާއި ބެހޭގޮތުން މައުލޫމާތުދިނުމާއި ކަރުދާހުން ތަފާތު އެއްޗެހި ތައްޔާރުކުރަން ދަސްކޮސްދިނުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ. އަދި ޖަޕާންގެ ސަޤާފީ ހެދުންކަމަށްވާ “ޔުކާތާ” ހެދުން ލައިގެން ފޮޓޯނެގުމުގެ ފުރުޞަތު ވެސް އާއްމުންނަށް އޮންނާނެ ކަމަށް ބުންޏެވެ.

މި ފެސްޓިވަލްގެ އެންމެ މުހިންމުކަމަކީ ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެކަން ފާހަގަކުރުން ކަމަށް ވެސް ބުންޏެވެ.