English Edition
Dhivehi Edition

ޒަމާނަށް އައި ބަދަލާއިއެކު ކޮންމެ އަންހެންކުއްޖެއްގެ ހޭންޑްބޭގުގައި ނުވަތަ ޑްރެސިންގ ޓޭބަލްގައި އެމީހަކު އެންމެ ގަޔާވާ ލިޕްސްޓިކެއް އޮވެއެވެ. ބޭރަށް ދާއިރު ތުންފަތުގެ ކުލަ އަލިކޮށްލުމަށް ލިޕްސްޓިކް ބޭނުންކުރާ މީހުން ވަރަށް ގިނައެވެ. ‘ރޯޒީ ލިޕްސް’ ނެތި މަގުމައްޗަށް ނުކުތުމަކީ ހުތުރުކަމެއްކަމަށް ގިނަބަޔަކަށް ހީވެފައި އޮވެއެވެ. ލިޕްސްޓިކް އަކީ އާއްމު ދިރިއުޅުމުގެ އެއްބައިކަމަށް ގިނަ ބަޔަކު ހަދާފައިވާއިރު، ލިޕްސްޓިކް އުފެއްދުމަށް ބޭނުންކޮށްފައިވާ މާއްދާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި މެދު ވިސްނާލިންތޯއެވެ. ލިޕްސްޓިކް އުފެއްދުމަށް ދަގަނޑުގެ ބާވަތްތައް ކަމަށްވާ ‘ލެޑް ‘ އާއި ‘އެލްމީނިއަމް’ ބޭނުން ކޮށްފައިވެއެވެ. ލެޑް އަކީ ހަށިގަނޑުގައި ހުންނަ ނާރުތަކުގެ ސެލްތަކަށް ވިހައެކެވެ. އަދި ޙާއްސަކޮށް ތުއްތުކުދިންނަށެވެ. އިނގިރޭސިވިލާތުގައި ހެދުނު ދިރާސާއެއް ދައްކާގޮތުން ލިޕްސްޓިކްގައި ހުންނަ ލެޑްގެ ސަބަބުން ކެންސަރަށް މަގުފަހިވެއެވެ. މީގެ އިތުރުން އެމެރިކާގެ ‘އެންވަޔަރަމެންޓަލް ހެލްތް ޕާސްޕެކްޓިވް’ އިން ހެދި ދިރާސާއަކަށްފަހު ޑ. ކެތްރިން ހަމޮންޑް ބުނެފައިވަނީ ‘ ލިޕްސްޓިކް އަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ނުވިނަމަވެސް އެއިގެ ނުރައްކާ ބޮޑުކަމަށެވެ. އަދި ޙާއްސަކޮށް ކުޑަކުއްޖަކަށް ލިޕްސްޓިކް ކެވިއްޖެނަމަ އެކުއްޖެއްގެ ހަށިގަނޑުގެ ތެރެއަށް އެދަނީ ދަގަނޑުގެ ބޮޑު އެތިގަނޑެކެވެ’. ނުރައްކާތެރި ކެމިކަލެއްކަމަށްވާ ‘ޕެޓްރޯކެމިކަލް’ އަކީ ވެސް ލިޕްސްޓިކް އުފެއްދުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީވެސް ސިއްޙަތަށް ނުރައްކާތެރި އެއްޗެކެވެ. މިކެމިކަލް އުފައްދާފައި ވަނީ ތެލާއި ގޭސް ބޭނުންކޮށްގެން ކަމުން ހަށިގަނޑުގެ ތެރެއަށް މި ކެމިކަލް ދިޔުމުން ހެދި ބޮޑުވުމާއި، ދަރިމައިވުމާއި، ވިސްނުމަށް އެއިގެ އަސަރު ފޯރައެވެ. އަދި މިއީ ލިޕްސްޓިކްގައި ހުންނަ އެންމެ ނުރައްކާތެރި އެއް މާއްދާއެވެ. ނާޒުކު ތުންފަތްތަކާއި މެދު ވިސްނާލާނަމަ ލިޕްސްޓިކަށް ނޫނެކޭ ބުނެވިދާނެއެވެ. އެހެންނޫނީ ޙާއްސަ މުނާސަބާތް ތަކުގައި އެކަނި ބޭނުންކުރެވިދާނެއެވެ. ކޮންމެހެން ލިޕްސްޓިކް ބޭނުންކުރަން ބޭނުންނަމަ އެންމެ ރަނގަޅީ ދުވާލަކު ގިނަވެގެން އެއްފަހަރު ބޭނުންކުރުމެވެ. އެގޮތަށްވެސް ކުޑަކުދިން ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ލިޕްސްޓިކެއް ނަމަ އެއިގެ ކޮލިޓީ ވަރަށް މުހިއްމެވެ. އެގޮތުން އަގުހެޔޮ، ދަށް ކޮލިޓީ ލިޕްސްޓިކް އެއްގޮތަކަށް ވެސް ބޭނުން ކުރުން ރަނގަޅެ ނޫނެވެ.