English Edition
Dhivehi Edition

ވޯލްޑްކަޕްގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިންއަކީ ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންތަކަކާއި އެކު މުބާރާތް ކާމިޔާބު ކުރަން ކުރިމަތިލާ ޓީމެކެވެ. ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މީގެ ކުރިން ކާމިޔާބީއާއި ދުރު ސްޕެއިން ފަހަކަށް އައިސް ދައްކަމުންދާ ތަފާތު މޮޅު ކުޅުމުގެ ސަބަބުން އެޓީމަކީ ދުނިޔޭގައި ތާރީޚުގައި އުފެދުނު އެންމެ މޮޅު ޓީމްކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

1904 ވަނަ އަހަރު ފީފާގެ މެމްބަރަކަށްވި ސްޕެއިންގެ ޤައުމީ ޓީމް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ 1920 ވަނަ އަހަރުއެވެ. ފުރަތަމަ ފަހަރަށް ލިބުނު ބޮޑު ކާމިޔާބީއަކީ 1964 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. މިހާތަނަށް ބާއްވާފައިވާ 21 ވޯލްޑްކަޕްގެ ތެރެއިން ސްޕެއިން ވަނީ 15 ފަހަރު ވާދަކޮށް 2010 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ވަރުގަދަ ލީގެއް އޮންނަ ސްޕެއިންއަށް ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ކާމިޔާބީ މަދުކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވިނަމަވެސް 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމުން ސްޕެއިން ފަދަ ދެވަނަ ޓީމެއް މިވަގުތު ދުނިޔޭގައި ނެތްކަމަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަބަޔަކު ބުނެއެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ކޮލިފައިވީ ޔޫރަޕުން އެޓީމު ހިމެނުނު ގްރޫޕް ބީގެ އެއްވަނަ މަޤާމް ހޯދައިގެންނެވެ. ކޮލިފައިންގައި ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗް ކާމިޔާބުކޮށް 1 މެޗުން އެއްވަރުކޮށް، އެއް މެޗުން ބަލިވެ ވޯލްޑްކަޕްގެ ޖާގަ ކަށަވަރުކުރީ ޖުމްލަ 19 ޕޮއިންޓާއިއެކުއެވެ.

މިފަހަރުގެ މުބާރާތައް ސްޕެއިން ޓީމުން ނިކުންނަނީ ޒުވާން ކުޅުންތެރިންތަކަކައި އެކުގައެވެ. އޭގެ ތެރޭގައި ޕެޑްރީ، އަންސު ފާޓީ، ފެރާން ޓޯރޭސް ފަދަ ކުޅުންތެރިން ހިމެނެއެވެ. ޒުވާން ތަރިންގެ މި ޓީމާއިއެކު ދެވަނަ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ކޯޗެއްގެ ގޮތުގައި ނުކުންނާނީ ސްޕެއިންއަށް އުފަން އުމުރުން 52 އަހަރުގެ ލުއިސް އެންރީކޭއެވެ.

2019 ވަނަ އަހަރު އެޤައުމުގެ ކޯޗުކަމާއި ހަވާލުވި އެންރީކޭ އަކީ 2014 ން 2017 ވަނަ އަހަރަށް ސްޕެއިންގެ ވަރުގަދަ ކްލަބް ބާސެލޮނާއަށް ވެސް ކޯޗުކަންކޮށްދީފައިވާ ތަޖުރިބާކާރެކެވެ. އެންރީކޭ ސްޕެއިންގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުއެވެ. ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ތަޖުރިބާ ނެތަސް އެންރީކޭ ވަނީ 2020 ވަނަ އަހަރުގެ ނޭޝަންސް ލީގު ފައިނަލަށް ސްޕެއިން ޓީމު ގެންގޮސްދީފައެވެ.

ގުރޫޕް ސްޓޭޖުގައި ސްޕެއިން ކުޅެން ހަމަޖެހިފައިވާ މެޗުތައް

23 ނޮވެމްބަރ 2022 | ސްޕެއިން – ކޮސްޓަރިކާ | 21:00

28 ނޮވެމްބަރ 2022 | ސްޕެއިން – ޖަރުމަނު | 00:00

2 ޑިސެމްބަރ 2022 | ޖަޕާން – ސްޕެއިން | 00:00