English Edition
Dhivehi Edition

މިފަހަރުގެ ވޯލްޑް ކަޕަކީ ޓިއުނީސިއާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕެވެ. ޓިއުނީސިއާ މީގެ ކުރިން ފަސް ވޯލްޑް ކަޕެއްގައި ކުޅެފައިވެއެވެ. އެ ގައުމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކުޅުނީ 1978 ގަ އެވެ. އޭގެ ފަހުން 1978، 1998، 2002 އަދި 2006 ގެ ވޯލްޑް ކަޕްގައި ވާދަކުރި އެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް މުބާރާތުގައި އެޓީމަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ.

ޓިއުނީސިއާ މިފަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ޕްލޭއޮފްގެ ފުރަތަމަ މެޗުގައި މާލީއަތުން ޓިއުނީސިއާ މޮޅުވިއެވެ. ނަމަވެސް ދެވަނަ މެޗުން ވީއެއްވަރެވެ. ފުރަތަމަ މެޗު ކާމިޔާބު ކޮށްފައި އޮތުމުން ޓިއުނީސިއާއަށް ކުރި ލިބުނީ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ޓިއުނީސިއާގެ ކޯޗު ޖަލީލް ކަދުރީ އަކީ މާ މަޝްޙޫރު ކޯޗެއް ނޫނެވެ. ކެރިއަރުގައި އެއްވެސް ކުލަބަކަށް ކުޅެފައި ނުވާ ޖަލީލް ކަދުރީ ފުރަތަމަ ވެސް ނިކުތީ ކޯޗިން ދާއިރާއަށެވެ. 2001 ވަނަ އަހަރު ކޯޗިން ދާއިރާއަށް ނިކުތް ކަދުރީ ވަނީ އަރަބި ބައެއް ގައުމުތަކުގެ ކުލަބުތަކަށާއި ޓީއުނީސިއާގެ ބައެއް ކުލަބުތަކަށް ކޯޗުކޮށް ދީފައެވެ. އޭނާ ވަނީ މީގެ ކުރިން ޓިއުނީސިއާގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗު ކޮށްދީފައެވެ. ކަދުރީ އަށް މިހާތަނަށް ކޯޗިން ދާއިރާގައި ހޯދިފައިވާ ހަމަ އެކަނި ކާމިޔާބީއަކީ މިއަހަރު ކުޅެވުނު ކިރިން ކަޕް ޓިއުނީސިއާއަށް ހޯދައިދިނުމެވެ.

ޓިއުނީސިއާ އަކީ މާ މޮޅު ކުޅުންތެރިންތަކެއް އުފެދޭ ގައުމެއް ނޫނެވެ. ނަމަވެސް އެ ގައުމުގައިވެސް ފާހަގަ ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން އިޓަލީގެ ސަލަރނިޓަނާ އަށް ކުޅޭ ޑައިލަން ބްރޮން،، އަދި ޖަރުމަން ބުންޑެސް ލީގާގެ އެފްސީ ކްލޯން އަށް މިވަގުތު ކުޅެމުން އަންނަ އެލިއެސް ސްކިރީ އަކީ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނެވެ.

ގުރޫޕް ސްޓޭޖުގައި ޓިއުނީސިއާ ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | ޑެންމާކް – ޓިއޫނިޒިއާ | 18:00

26 ނޮވެމްބަރ 2022 | ޓިއޫނިޒިއާ – އޮސްޓްރޭލިއާ | 15:00

30 ނޮވެމްބަރ 2022 | ޓިއޫނިޒިއާ – ފްރާންސް | 20:00