English Edition
Dhivehi Edition

އިންސާނީ ހައްގުތައް ކުރިއަރުވައި ޑިމޮކްރަސީ ވަރުގަދަކޮށް އިތުރު ކުރިއަރުވަން އޮތް އެންމެ މޮޅު ގޮތަކީ މީހުންނަށް އިންވެސްޓް ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ފުރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ 39ވަނަ ޔުނެސްކޯ ޖެނެރަލް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ޕްރީ ސްކޫލް ތައުލީމު ހިލޭ ފޯރުކޮށްދޭން ފެށުމާ އެކު ޕްރީ ސްކޫލް ތައުލީމު ލިބެމުންދާ ދަރިވަރުންގެ ނިސްބަތް މީގެ 15 އަހަރު ކުރިން އޮތް 51 ޕަސެންޓުން، 99 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި ޕްރީ ސްކޫލުން ފެށިގެން ސާނަވީއާ ހަމައަށް މިންތީގެ ހަމަހަމަކަން ގާއިމްކުރެވި، ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މަތީ ސާނަވީ ނިންމާ ދަރިވަރުންގެ އަދަދު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ގާތްގަނޑަކަށް 90 ޕަސެންޓް ދަރިވަރުން ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާން ފުރިހަމަ ކުރާއިރު އެ އިމްތިހާނުގެ ފަސް މާއްދާއިން ފާސްވާ ނިސްބަތް 70 ޕަސެންޓަށް އިތުރު ކުރެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވަނީ އީ ލާނީން ފަދަ ތައުލީމީ ދާއިރާއަށް ޒަމާނީ ގޮތުން ހޯދާފައިވާ ކުރިއެރުންތައްވެސް ފާހަގަކުރެއްވި އެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތާއެކު މި ސަރަހައްދުގައި ޕްރީ ސްކޫލް ތައުލީމާ އެކު 14 އަހަރުގެ ސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދޭ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ކާމިޔާބީތައް ފާހަގަ ކުރަމުންދާއިރު އެ ކާމިޔާބީތައް ދަމަހައްޓާ ތައުލީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް އުފެއްދުންތެރި އައު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.

މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ ތިމާވެއްޓާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ރާއްޖޭގެ ތަރިކަ ރައްކާތެރި ކުުރުމުގައި ހާއްސަކޮށް ކަނޑުއަޑީގެ ދިރުންތައް ދިރުވާ އާލާކުރަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ޔުނެސްކޯއިންވެސް މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ދިރުންތައް ރައްކާތެރި ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ ޑރ ޝިހާމް ވިދާޅުވިއެވެ.