އައްޑޫ ފުޓްބޯޅަ ޗެންޕިއަންޝިޕް 2022 ގައި ގްރޫޕު އޭގެ އެފްސީ ބޭރުމައްޗާއި ކްލަބު ލޮތާރި ބައްދަލު ކުރި މެޗު ފަސޭހަ ކަމާއެކު ބެރުމަތިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު އައްޑޫ ސިޓީ ސްޓޭޑިއަމުގައި ކުލަބު ލޮތާރި އާއި ބައްދަލު ކޮށް 7-2 އިން އެފްސީ ބޭރުމަތި ވަނީ މޮޅު ވެފައެވެ. މި މެޗުގައި ކްލަބު ލޮތާރިން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 5 ވަނަ މިނިޓުގައެވެ. އިންޓޭގެ ރީތި ލަނޑަކުން އެ ޓީމަށް ލީޑު ހޯދައިދިނެވެ. މެޗުގެ ބޮޑުބައި ބޭރުމަތިން ކޮންޓްރޯލު ކުރަމުންދިޔަ ނަމަވެސް ލޮތާރި ޓީމުން އުއްމީދު ގެއްލުވާނުލައި ބޭރުމަތިން ފޮނުވަމުން ދިޔަ ހަމަލާތައް ދިފާޢު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެގާރަ ވަނަ މިނިޓުގައި ނާޝިދު، ނައްޓޭ ޖަހައިދިން ލަނޑާއެކު ލޮތާރި ޓީމުން ކުޅުން ރަނގަޅުކޮށް ބޭރުމަތި ގޯލަށް ހަމަލާ ފޮނުވަމުން ދިޔައެވެ. ނަމަވެސް އީމާން ނަޒީރު 35 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހައިދިނެވެ. މި މެޗުގައި ބޭރުމަތިން ފުލް އެޓޭކިން ގޭމެއް ކުޅެމުން ދިޔައިރު އޭރިއާއިން ބޭރުންވެސް ލޮތާރި ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އަދި 40 ވަނަ މިނިޓުގައި އީމާންގެ ދެ ވަނަ ލަނޑު ފެނިގެން ދިޔައިރު އޭގެ ތިން މިނިޓު ފަހުން ނައްޓޭ ވަނީ މި މެޗުގައި ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޮތާރި ޓީމުގެ މުހައްމަދު ރާހިފް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-6 އިން ބޭރުމަތި ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފެށީ ދެ ޓީމުން ވެސް ގިނަ ބަދަލުތަކާއެކު އެވެ. ލޮތާރި ޓީމުން 3 ބަދަލު ގެނައި އިރު ބޭރުމަތިން އައު ދެކުޅުންތެރިންނާ އެކު ދެވަނަ ހާފު ފެށިއެވެ. ލޮތާރި ޓިމުން ގެނައި ބަދަލާއެކު ދެވަނަ ހާފުގައި އެޓީމުން ރަނގަޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތައް އުފެއްދިއެވެ. އަދި ބޭރުމަތި ގޯލަށް ފޮނުވަމުން ދިޔަ ހަމާލާތަކުގެ ނަތީޖާއެއްގެ ގޮތުން 59 ވަނަ މިނިޓުގައި ސަހާފު ލަނޑެއް ޖަހައި ސުން ކަނޑުވާލިއެވެ. އެހެން ނަމަވެސް ދެންވެސް ފެނިގެން ދިޔައީ ބޭރުމަތިން އިތުރު ލަނޑެއް ޖަހާލިތަނެވެ. އީމާން ނަޒީރު ގެ ހެޓްރިކް ގޯލް އެނާ ކާމިޔަބު ކުރީ މެޗުގެ 66 ވަނަ މިނިޓުގައެވެ. ދެވަނަ ހާފުގައި ބޭރުމައްޗަށް ގިނަ ލަނޑުތައް ކާމިޔާބު ނުކުރެވުނަސް، މި ހާފުގައި ދެ ޓީމުން ވެސް ދެކޮޅުގެ ކީޕަރުން ބިޒީ ކޮށްލިއެވެ.
ލޮތާރި ޓީމުގެ 2 ވަނަ ލަނޑު ޖަހައި ދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ސަހާފު އެވެ. މި ލަނޑު ސަހާފު ޖެހީ 71 ވަނަ މިނިޓުގައެވެ. މި ލަނޑާއެކު މެޗު ނިމިގެން ދިޔައީ 7-2 އިން އެފްސީ ބޭރުމަތި މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗަށް ފަހު ލޮތާރި ޓީމުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މި މުބާރާތުގައި އެދެވޭ ނަތީޖާއެއް ނުނެރުނު ކަމުގައިވިޔަސް މިއަދުގެ މެޗާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި އުއްމީދަކީ މުސްތަޤުބަލުގައި މި މުބާރާތް ކާމިޔާބު ކުރުމެވެ. އެކަމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި ލޮތާރިގެ ސްކޮޑާމެދު ވަރަށް އުއްމީދު އެބައޮތް ކަމަށް އޮފިޝަލު މައުލޫމާތު ދިނެވެ.
މިއަދު ގެ މެޗުން މޮޅުވުމުން ބޭރުމަތި ވަނީ ގުރޫޕު އޭގައި ކުޅުނު ހަތަރު މެޗުން 3 މެޗު ކާމިޔާބުކޮށް އެއް މެޗުން ބަލިވެގެން 9 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ހޯދައި ސެމީފައިނަލަށް ދަތުރު ކޮށްފައެވެ. ސެމީފައިނަލުގައި ބޭރުމަތި ވާދަ ކުރަން ޖެހޭނީ ގުރޫޕު ބީގެ ދެވަނަ ޓީމާއެވެ. މިހާރުގެ ނަތީޖާއަށް ބަލާއިރު އެ ގުރޫޕުގެ ދެވަނަ ޓީމަކީ މަރަދޫ އެފްސީ އެވެ. އަދި އެއްވަނަ ޓީމަކީ މެދުވަލު އެފްސި އެވެ. ބާކީ އަދި އެއް މެޗު އޮތް އިރު މެދުވަލު އެފްސީ ދެން ނިކުންނާނި ފާހި ސްޕޯޓްސް އާ ދެކޮޅަށެވެ. ޒުވާން ކުޅުންތެރިން ހިމެނޭ ފާހި ޓިމުން ގިނަ ލަނޑު ޖަހައިގެން ނޫނީ މެދުވަލު ޓީމަށް ގުރޫޕުގެ އެއްވަނަ ގެއްލޭނެ ގޮތެއް ނެތެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ 3 ލަނޑު ޖެހި އީމާން ނަޒީރެވެ.
ގުރޫޕު ބީގެ ފަހު މެޗުގައި މާދަމާ މެދުވަލު އެފްސީ އާއި ފާހި ސްޕޯޓްސް ކުޅޭނެއެވެ. އައްޑޫ ސްޓޭޑިއަމުގައި މާދަމާ ހަވީރު 16:00 މި ދެ ޓީމު ކުޅޭއިރު ފާހި ސްޕޯޓްސް ވަނީ މުބާރާތުން ކަޓާފައެވެ. ފާހި އަށް މިހާތަނަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
މި މުބާރާތުގެ ޓައިޓުލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިން އެވެ.