English Edition
Dhivehi Edition

އީރާނަކީ އޭސިއާ ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އޭސިއާ ބައްރަށް ނިސްބަތްވާ އީރާން އޭސިއާ ފުޓްބޯޅައިގައި ކާމިޔާބީތައް ހޯދި ނަމަވެސް ދުނިޔޭގެ ފެންވަރުގައި ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. މިފަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ އީރާންގެ ހަވަނަ ވޯލްޑް ކަޕެވެ. އަދި ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ވޯލްޑް ކަޕެވެ.

އީރާން އެންމެ ފުރަތަމަ ވާދަކުރީ 1978 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. އޭގެ ފަހުން 1998، 2006، 2014 އަދި 2018 ގެ ވޯލްޑް ކަޕުގައި ވާދަކުރިއެވެ. ނަމަވެސް މީ ހުރިހާ މުބާރާތަކުން ވެސް އީރާން ކަޓާފައިވަނީ ގުރޫޕު ސްޓޭޖުންނެވެ.

ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައި ވުމަކީ އިރާންގެ ފުޓްބޯޅައިގައި ލިބުނު ބޮޑު ކާމިޔާބެކެވެ. އޭޝިއާ ޒޯންގެ ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރުނީ އެ ގައުމުންނެވެ. އިރާން ވޯލްޑްކަޕަށް ކޮލިފައިވީ، އޭޝިއާގެ ޒޯންގެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ކާމިޔާބު އެ ޓީމުން ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު 18 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި ތިން މެޗުން ބަލިވެގެން ޖުމުލަ 42 ޕޮއިންޓު ހޯދައިގެންނެވެ.

އީރާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކުއިރޯޒް

ސަރަހައްދުގެ އެހެން ކޯޗުންނަށް ވުރެ އިރާންގެ ކޯޗް ކާލޯސް ކުއިރޯޒްގެ ތަޖުރިބާއާއި ނެރެފައިވާ ނަތީޖާތައް ރަނގަޅު ވާނެ އެވެ. ސްޕޯޓިން ލިޒްބަންއިން ފެށިގެން ދެކުނު އެފްރިކާ އަދި ރެއާލް މެޑްރިޑްގެ ކޯޗުކަމާއި، ޔޫރަޕްގެ ފުޓްބޯޅައިގައި ފެނުނު އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި މެންޗެސްޓާ ޔުނައިޓަޑްގައި ކްއިރޯޒް ވަނީ މަސައްކަތް ކޮށްފަ އެވެ.

އޭނާ ވަނީ ތަފާތު ތިން ގައުމެއް ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފަ އެވެ. އެއީ ދެކުނު އެފްރިކާ އާއި އަދި އޭނާގެ އަމިއްލަ ގައުމު ޕޯޗުގަލް އާއި އިރާން އެވެ. އިރާންގެ ކޯޗުގެ ގޮތުގައި ހަތް އަހަރު އޭނާ ވަނީ މީގެ ކުރިން ހޭދަ ކޮށްފަ އެވެ. ދިގު މުއްދަތަކަށް އޭނާ ހުރެގެން އޭނާ ވަނީ އިރާންއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފަ އެވެ. އިރާންގެ ޓީމަކީ އޮގަނައިޒް ފުޓްބޯޅައެއް ކުޅޭ ޓީމެއްގެ ސިފަ އޭނާ ގެނެސްދިނެވެ. ޑިފެންސަށް ކުޅުންތެރިން ފައިބައި ޓީމު ދިފާއުކޮށް ކައުންޓަ އޭޓޭކުގައި ނުރައްކާ ކުރާ ޓީމަކަށް އިރާން ހެދި އެވެ. އިރާންގެ ކުޅުންތެރިންނަށް ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ ހޯދުމަށް އޭނާ ވަރަށް ބޮޑަށް ބާރު އެޅި އެވެ. ކުރިއަށް އޮތް ވޯލްޑްކަޕަކީ އޭނާ އަށް މުހިންމު ޓެސްޓެކެވެ. ގެނައި ބަދަލު ތަކާއެކު އިރާނަށް ދެ ވަނަ ބުރަށް ދެވޭނެ ކަމަށް އެ ގައުމުން އުންމީދު ކުރެ އެވެ. ކުއިރޯޒް ދެވަނަ ފަހަރަށް އިރާންގެ ޓީމާއި ހަވާލުވީ މި އަހަރުތެރޭގައެވެ. މިއީ ކުރިރޯޒްގެ އިރުޝާދުގެ ދަށުން އީރާން ވާދަކުރާ ދެވަނަ ވޯލްޑް ކަޕެވެ.

އީރާން ޓީމުގެ އިތުބާރު ދެ ފޯވާޑުން ޓަރެމީ އަދި އަޒްމޫން

އީރާން ޓީމަކީ ވެސް ތަފާތު ހުނަރުވެރި ތަރިންތަކެއް ތިބި ގައުމެކެވެ. ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަ ތިއްބެވެ. އިރާން ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޖަރުމަނުގެ ބަޔާ ލެވަކޫޝަންއަށް ކުލެމުން އަންނަ އުމުރުން 27 އަހަރުގެ ފޯވަޑް ސަރްދާރް އަޒުމޫން އެވެ. ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އޭނާ އަކީ އިރާންގެ ފުޓްބޯޅައިގެ ތާރީހްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ދާއީއަށް ފަހު އެގައުމުގައި އުފެދުނު އެންމެ މޮޅު ފޯވަޑެވެ. ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ ފޯވަޑް މަހުދީ ޓަރެމީ އަކީވެސް އިރާންގެ މުހިންމު ކުޅުންތެރިޔެކެވެ. ޓަރެމީ އަކީ އީރާންގެ ހަތްވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.

ގުރޫޕުގައި އީރާން ކުޅެން ހަމަޖެހިފައިވާ މެޗުތައް

21 ނޮވެމްބަރ 2022 | އިންގްލެންޑް – އިރާން | 18:00

25 ނޮވެމްބަރ 2022 | ވޭލްސް – އިރާން | 15:00

30 ނޮވެމްބަރ 2022 | އިރާން – ޔޫއެސްއޭ | 00:00