ޒަކާތު ނަފާ ޕްރޮގްރާމް ފެށުމަށްޓަކައި އެކަމާ ގުޅޭ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަޙްމަދު އަދީލް އެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޕާމަނެންޓް ސެކްރެޓަރީ ޔޫސުފް ރިޒާ އެވެ. އަދި އެގްރޯނޭޝަނަލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޙްމަދުފުޅު ސޮއި ކުރެއްވިއިރު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އޮޕްރޭޝަންސް ޢަލީ އާނިފް އެވެ.
މި ރަސްމިއްޔާތަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝާފިޢު ޢަލީ އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްއާއި އެމިނިސްޓްރީގެ ކޮންސަލްޓެންޓް ފޮރ ޑެލިވަރިންގ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ޠާސީން ޙިލްމީ ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ މި ޕްރޮގްރާމާ ގުޅޭ މުހިންމު ގިނަ މަޢުލޫމާތުތަކެއް ދެއްވާފަ އެވެ.
ޒަކާތު ނަފާ ޕްރޮގްރާމަކީ، ދިވެހިރައްޔިތުންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން، އެފަރާތްތަކުގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި އިކޮނޮމިކް މިނިސްޓްރީން ތަޢާރަފްކުރާ ޕްރޮގްރާމެކެވެ.
ޒަކާތު ނަފާ ޕްރޮގްރާމް ކުރިއަށްދާނީ، ޕްރޮގްރާމް ހިންގުމާ ގުޅޭގޮތުން އެކުލަވާލާފައިވާ “ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” އާއި އެއްގޮތަށް، ފިޔަވަހިތަކަކަށް ބަހާލައިގެން، ކޮންމެ ފިޔަވައްސެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ބަޔަކަށް އަމާޒުކޮށްގެން ނެވެ. މި އުސޫލު މިހާރުވަނީ ގެޒެޓްކުރެވިފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީ ދޭނެ ފަރާތްތައް ކަނޑައަޅާނީ، “ޒަކާތު ނަފާ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު” ގެ 12 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށެވެ. އެއީ؛
ވަކިވަކި ދާއިރާތަކަށް ބައިވެރިން ހޮވުމުގައި ބަލާނީ އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާ ޝަރުޠުތަކަށެވެ.
އެހީގެ ގޮތުގައި ދެވޭނީ، އުސޫލުގެ 9 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ދާއިރާތަކުން މަސައްކަތް ކުރުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީނެވެ. އެހީ ދިނުމަށްފަހު، އުސޫލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާކަން ކަށަވަރުކުރުމަށްޓަކައި، މޮނިޓަރިންގ ޕީރިއަޑެއް ކަނޑައަޅާ އެ ފަރާތުގެ މަސައްކަތްތައް މޮނިޓަރކުރެވެމުންދާނެއެވެ.
އެހީ ދެވޭ ދާއިރާތައް:
ޒަކާތު ނަފާ ޕްރޮގްރާމަކީ، ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ފަޤީރުންނާއި މިސްކީނުންގެ ބައިން ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.