English Edition
Dhivehi Edition

ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް) އިން ކުށްވެރިކޮއްފިއެވެ.

މި ކަމާއި ގުޅިގެން އެމް. އާރު. އެމް އިން މިއަދު ނެރުއްވި ނޫސް ބަޔާނެއް ގައި ވަނީ މި އަހަރުގެ ތިމާވެއްޓާ ބެހޭ ބައިނަލްއަޤްވާމީ ކޮންފަރަންސް، ކޮޕް 27 ގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުމަކީ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމް.އާރް.އެމް) އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

“މި ޕާޓީ އިން ދެކޭ ގޮތުގައި، މިއީ ދިވެހި ދައުލަތުގެ މަޞްލަޙަތާ ފުށުއަރާ، ޤާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސް ގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ޚިލާފު އަމަލެކެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއިންވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި، އެހެން ޤައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ރާއްޖެއަށް އޮތް ޤަދަރު ކުޑަކަން ހާމަކޮށްދޭ ކަމެކެވެ.” ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެމް.އާރު. އެމް \އިން ބުނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުމުވެސް ކުރިން ފުރުއްވާފައިވާ، އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިންބާރު ތެރެއިން ޤާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް މުޙައްމަދު ނަޝީދު މިފަދަ އަމަލެއް ހިންގެވުމަކީ އެމް.އާރް.އެމްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ.