އައްޑޫސިޓީގެ ބައެއް އަވަށްތަކުގައި ޕާކިންޒޯންތައް އެބަހުއްޓެވެ. އެހެންނަމަވެސް ގަވާއިދުން ޕާކުނުކުރާކަން ފާހަގަކުރެވެއެވެ. އެއީ މައްސަލައެކެވެ. މިކަމަށް އޮތް ހައްލަކީ އެންމެންވެސް ގަވާއިދުން ޕާކުކުރުމެވެ. އަދަބު ލިބިގަތުމެއްނޫނެވެ. އެހެންވީމާ އެންމެންވެސް ގަވާއިދަށް އިހުތިރާމްކުރަމާ ހިނގާށެވެ. މިއީ ލުއިފަސޭހަ ކަމުގެ ޒަމާނެވެ. މިއީ ވަގުތުނެތިގެން އެންމެން ނީސްތަށްޓަށް އަރައިގެން އުޅޭ ޒަމާނެކެވެ. އެހެންވީމާ ޕާކިންޒޯންތައްވެސް ހުންނަންޖެހޭނީ އަތްފޯރާފަށުގައެވެ. ފަސޭހައިން ޕާކުކޮށްލެވޭ ގޮތުގައެވެ. އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ޕާކިންޒޯންތައް ހުރީ އެންމެރަނގަޅަށް ކަމަށް ބެލެވެންވެސްނެތެވެ. ބުނެވޭނީ ޒޯންތައްހުރީ އެހާފަސޭހަގޮތަކަށްނޫނެވެ. ޒޯންތައް މާދުރުދުރުގައި ހުރުމަކީ ފަސޭހަކަމެއްނޫނެވެ. ދުރުދުރުގައި ހުރެފައި ކޮންމެޒޯނެއްގައި ހަތަރުވަރަކަށް ސައިކަލާއި ކާރެއް ނުވަތަ ދެކާރު ޕާކުކުރާނަމަ އެއީވެސް އެދެވޭ ގޮތެއްނޫނެވެ. މިފަދަ ކަންކަމަށް ބަލާފައި އައްޑޫގައި ގާއިމްކޮށްފައިވާ ޕާކިންޒޯންތައް ރިވައިޒްކޮށް ރަނގަޅުކުރަންޖެހެއެވެ. އެއީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ. އެކަން ކަމާބެހޭ ފަރާތްތަކަށް ގެންދަން އެބަޖެހެއެވެ. ގެންދާށެވެ. “ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޒޯންތައް ކަނޑައެޅިފައި ހުންނަނީ. ނޭނގެ ކޮންބައެއް ކީއްވެ ކަމެއް އެގޮތަށް ޒޯންތައް ކަނޑައެޅީ،” ޓްރެފިކްދާއިރާގެ ތަޖުރިނާކާރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޒޯންތައް ހުންނަންވާނީ ރައްޔިތުންނަށް އެންމެ ފަސޭހަ ސަރަހައްދެއްގައި ކަމަށެވެ. މާނައަކީ ހުރިހާ ސަރަހައްދެއްގައިވެސް ހުންނަންޖެހޭނެއެވެ. އެހެންނަމަވެސް ވަކިސަރަހައްދުތަކެއްގައި ގިނަވާންޖެހޭނެއެވެ. އައްޑޫވިޔަސް މާލެވިޔަސް އެހެންތަނެއްވިޔަސް ވިޔަފާރި މަރުކަޒުތައް ނުވަތަ ފިހާރަތައް ގިނަސަރަހައްދުތަކުގައި ގިނަޒޯންތައް ހުންނަންޖެހޭނެއެވެ. ފަޅު ސަރަހައްދުތަކުގައި ޒޯންހަދައިގެން އެތަނުގައި ބަޔަކު ޕާކެއް ނުކުރާނެއެވެ. އެހެންވީމާ ވިޔަފާރިކުރާ ސަރަހައްދުތަކުގައި ޒޯންތައް އިތުރުކުރަންޖެހެއެވެ. ގިނަ މީހުން އެއްވާތަންތަނުގައި އިތުރު ކުރަންޖެހެއެވެ. ހުރެފާނެ ޕާކިންޒޯނެއްގައި ދެސައިކަލު ޖަހާފައި ނުވަތަ ހަތަރުސައިކަލްޖަހާފައި، އިތުރަށް ކާރެއް ނުވަތަ ދެކާރު ޖަހާފައި، އެހިސާބުން ނިމުނީ. އެއީވެސް މައްސަލައެއް،” ތަޖުރިބާކާރު ވިދާޅުވިއެވެ. މި މައްސަލަ މިހެން ހުއްޓައި ފުލުހުން ވަރަށް ފަހުން ވިދާޅުވެފައވަނީ ނުގަވާއިދުން ޕާކުރާ ވެހިކަލްތަކުގައި ސްޓިކާޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ގޯސްކޮށް ކަމެއް ހުއްޓައި އެކަމެއް ރަނގަޅުނުކޮށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތްވެސް ނޫނެވެ. ގޯސްކޮށް ކަމެއްހުރިނަމަ ފުރަތަމަ ޖެހެނީ އެކަމެއް ރަނގަޅުކުރާށެވެ.