English Edition
Dhivehi Edition

ނަރުހުންގެ ދުވަހުގެ ތަހުނިޔާ ލޮބުވެތި ނަރުހުންނަށް އަރިސް ކުރަމެވެ. މިއަދަކީ ތިޔަ ދެއްވަމުން ގެންދަވާ އިންސާނީ ޚިދުމަތުގެ އަގުވަޒަން ކުރެވޭ ދުވަހެކެވެ. މިއަދަކީ ތިޔަ ޚިދުމަތުގެ މުހިންމުކަމާއި ސީރިއަސްކަން ހަނދުމަ ކޮށްދޭ ދުވަހެވެ. މިއަދަކީ ހެދިފައިވާ ގޯސްތައް ރަނގަޅު ކުރަން އަޒުމް ކަނޑައަޅަންވީ ދުވަހެވެ. މިއަދަކީ ތިޔަ އޯގާތެރި އަތްތަކުން ދެވިފައިވާ ޚިދުމަތްތަކުގެ މަތިން ހަނދުމަކޮށް އުފާކުރަންވީ ދުވަހެވެ. ތިޔަ ދެއްވަމުން ގެންދަވާ ޚިދުމަތަކީ ޝުކުރިއްޔާއޭ ބުނެގެން ފުއްދައިލެވޭނެ ޚިދުމަތެއް ނޫނެވެ. އެއަށްވުރެ ތިޔަ ޚިދުމަތް ބިޔަވެފައި ފުޅަލެވެ. ސީރިއަސްވެފައި ބުރަ ބޮޑެވެ. ނާޒުކުވެފައި އަގުބޮޑެވެ. އެފަދަ އަގުހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރިމަތިލައްވާނީ ހިތްވަރުގަދަ ބޭފުޅުންނެވެ. ތިޔަ ބޭފުޅުންގެ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ފާޑުކިޔާ ކަމަށްވާނަމަ އެއީ ލިބޭ ކުރިއެރުމެއް ކަމަށް ބަލައިގަންނާށެވެ. ފާޑުކިޔުންތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ގިނައިން ތިޔަ މަސައްކަތަށް ސާބަސްދޭ ދޫތައް ގިނައެވެ. ލިބޭ ހެޔޮދުއާތައް އިތުރެވެ. ތިޔަ ބޭފުޅުންނަކީ އެތައް ބަޔަކަށް ހިތްހެޔޮކަމާއެކު ފަރުވާގެ އަތްތައް ދޫކޮށްލައިފައިވާ ޚިދުމަތްތެރިންނެވެ. އެއަތްތަކަކީ ލިބޭ މުސާރައަށްވުރެ ބޮޑަށް އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދޫކޮށްފައިވާ އަތްތަކަށް ހައްދަވާށެވެ. ﷲ އަށްޓަކައި ހެޔޮނިޔަތާއެކު ކޮށްދެއްވާ ކަމަކަށް ހައްދަވާށެވެ. ތިޔަ ޚިދުމަތަކީ އާދައިގެ ޚިދުމަތެއް ނޫނެވެ. ތިޔައީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ނާޒުކު ޚިދުމަތެކެވެ. އެހެންވީމާ ތިޔަ ތުރުކުރައްވައިގެން ތިއްބަވާ ބޯކިރު ފޮދެއްފަދަ ހުދު ޔުނީފޯމް ފަދަ ސާފު ހިތަކާއެކު ބަލިމީހުންނަށް ހޭހަން ކޮށްދެއްވުމަށްވުރެ އިސްކަމެއް ތިޔަ މަދަދުވެރިންގެ މައްޗަށްނެތެވެ. ތިޔަ ހިތްތަކުގައި އުތުރިއަރަންވީ އޯގާތެރިކަމުގެ ޖަޒުބާތެވެ. ތިޔަ އަތްތަކުގައި ހިމެނެންޖެހޭނީ މިހާރެކޭ އެއްފަދައިން ރަހުމަތުގެ ފަރުވާއެވެ. ތިޔަ މޫނުތަކުން ފެންނަންވާނީ ބަޔަކަށް ޚިދުމަތް ކޮށްދެވޭތީ ވެރިވެފައިވާ ހިނިތުންވުމެވެ. ތިޔައީ ތިޔަ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ގާބިލް ބޭފުޅުންނެވެ. ތިޔައީ ތިޔަ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންތިއްބެވި ބޭފުޅުންނެވެ. ތިޔަ ބޭފުޅުންގެ ޚިދުމަތަށް އެދިގެން އަންނަ އާދައިގެ މީހާ އެއަންނަނީ ހާދަ މަތިވެރި އުންމީދަކާގެންނެވެ. އެ އުންމީދުތަކަށް ދިރުމެއް ލިބޭނީ ތިޔަބޭފުޅުންގެ މަދަދުވެރި އަތްތަކުން ހޭހަންކޮށްދެއްވި މިންވަރަކުންނެވެ. ތިޔަ އެހީތެރިކަމަށް އެދިގެން މީހުންދަނީ ތިޔަބޭފުޅުންނަކީ ނަރުހުންނަށްވީ ކަމަށްޓަކައެވެ. އިތުރު އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެނެވެ. އެހެން ކަމުން ތިޔަ އެހީއަށް އެދިގެންދާ ކޮންމެ މީހަކު އެމީހެއްގެ ގޮތުގައި ބަލައިގަތުމަކީ ތިޔަ ބޭފުޅުންގެ މާތް އަޚުލާގުގެ ތެރެއިންވާ ރީތި އެހާމެ އޯގާތެރި ސިފައެކެވެ. ނަރުހުންގެ ދުވަހު ނަރުހުން އުފާކުރަންވީ ކޮންކަމަކާ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ތިޔަ ބޭފުޅުންގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިފައިވާ ކަމަށްވާނަމަ އުފާ ކުރައްވާށެވެ. ނަރުހުންގެ ޚިދުމަތަށް އެދިގެންދިޔަ މީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ޚިދުމަތް ދެވިފައިވާ ކަމަށްވާނަމަ އުފާ ކުރައްވާށެވެ. މިކަންކަން މިނޫން ގޮތަކަށް ގޮސްފައިވާ ކަމަށްވާނަމަ މިއަދަކީ އެކަންކަން ރަނގަޅުކުރަން އަޒުމް ކަނޑައަޅަންވީ އެންމެ ރަނގަޅު ދުވަހެވެ. އާދެ! ނަރުހުންގެ ދުވަހެވެ. އަލްހަމްދު ލިއްލާހި އެވެ. އަޅުގަނޑުމެން ހިމެނިގެންވަނީ ރެއާއިދުވާލު ތިޔަ ދެއްވާ ޚިދުމަތްތައް ބަލައިގަންނަ މީހުންގެ ތެރެއިންނެވެ. އަދި އެ ޚިދުމަތަށްޓަކައި ޝުކުރު ކުރާ މީހުންގެ ތެރެއިންނެވެ. ތިޔަ އަތްތަކުގައި ﷲ ޝިފާ ލައްވާށިއެވެ. ތިޔަ ހިތްތަކުގައި ﷲ އޯގާތެރިކަން ލައްވާށިއެވެ. ތިޔަ ހިތްތަކުގައި ﷲ ރަހުމާއި ކުލު ދާއިމް ކުރައްވާށިއެވެ. މި ފަސްގަނޑުގައި އިންސާނުން ދިރިއުޅޭހާ ހިނދަކު ތިޔަ ޚިދުމަތްތަކަށް ނިމުމެއްނެތެވެ.