މީލާދީން 1988 ނޮވެމްބަރު ތިންވަނަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ކަޅު އަނދިރު ދުވަހެކެވެ. ހެންވޭރު ހާޖަރާގޭ ޢަބްދުالله ލުޠުފީ އާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާގުޅިގެން ވެރިކަމުގެ ދަހިވެތިކަމުގައި ރާއްޖެއަށް އުދުވާނީ ހަމަލާ ދީ، ދިވެހިޤައުމަށް ޣައްދާރުވެ، ޚިޔާނާތްތެރިވި ބިރުވެރި ދުވަހެވެ،
ޕްލޯޓް ޖަމާޢަތާއި އެކު ވެވުނު އެއްބަސްވުން
ޕްލޯޓް ޖަމާޢަތާއި ޢަބްދުالله ލުޠުފީއާ ދެމެދު ވެވުނު ސިއްރު އެއްބަސްވުންތަކާއެކު ދެ ފަހަރެއްގެ މަތިން އެޖަމާޢަތުގެ ބައެއް އިސް މީހުން ރާއްޖެ އައިސް މައުލޫމާތު ހޯދާފައިވެއެވެ. ތަމަޅަ ހަނގުރާމަވެރިންނާއެކު އެމީހުންގެ އަސްކަރީ ކޭމްޕުގައި ޢަބްދުالله ލުޠުފީއާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު ޢަމަލީގޮތުން ހަރަކާތްތެރިވިއިރު ދިވެހިންގެ ތެރެއިން ލިބުނު މައުލޫމާތުގެ އެހީގައި ރާއްޖެއަށް ހަމަލާ ދިނުމަށް ޕްލޭން ކުރެވިގެން ދިޔައެވެ،
ހަމަލާތައް ފެށުން
ނޮވެމްބަރު ތިންވަނަ ދުވަހުގެ ފަތިހު ގާތްގަޑަކަށް 4:15 ހާއިރު ބަޑީގެ ބިރުވެރި އަޑުފައްގަޑުން މުޅި މާލެ ގުގުމާލިއެވެ. ދުޝްމަނުންގެ ބަޑީގެ ހަމަލާތަކާއެކު ސިފައިންގެ އެތެރޭގައި ކޮމާންޑަރެއްގެ ގޮތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އޭރުގެ މޭޖަރ މުޙައްމަދު ޒާހިރުގެ އިރުޝާދާއެކު ސިފައިންގެ މައިމަރުކަޒުން ދިފާއުގައި ހަމަލަދޭން ފެށިއެވެ. ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ދުޝްމިނުންގެ މައިގަނޑު އަމާޒަކަށް ހެދީ ސިފައިންގެ ހެޑުކުއާޓަރެވެ. ސިފައިންގެ ހެޑުކުއާޓަރަށް ތިން ދިމާލަކުން ހަމަލާދެމުން ގެންދިޔައިރު އެއީ ސިފައިންގެ ކުރިމަތި މައި ގޭޓަށާއި، ސިފައިންގެ އިރުއުތުރު ކަންމަތިންނާއި، ސިފައިންގެ ހުޅަނގު ދެކުނު ކަންމަތިންނެވެ. މީގެ އިތުރުންވެސް މީސްމީހުންގެ ގެދޮރުތަކަށް ގަދަކަމުން ވަދެ އެތައްބައެއްގެ މުދާ ފޭރެމުންދިޔައިރު ސަރުކާރުގެ އެތައްތަނަކަށް ބަޑިން ހަމަލާދީ ގެއްލުން ދެމުން ދިޔައެވެ،
އެ ނުރައްކާތެރި ދަނޑިވަޅުވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފަސްގަނޑުގެ ހައްގުގައި، ސިފައިންގެ މައިގޭޓު ހިމާޔަތްކޮށް ސިފައިންނަށް ހަތިޔާރާއެކު، ސިފައިންގެ ދިފާޢީ މަޤާމުތަކަށް ނުކުންނާނޭ ފުރުޞަތު ހޯއްދަވައިދެއްވީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެވެ.
ސިފައިންގެ ތެރެއިން ހަތިޔާރާއެކު ބަޔަކު ބޭރަށް ނުކުމެއްޖެކަން އެނގުމުން ރާއްޖެ ދޫކޮށް ފިލުމަށް ދުޝްމަނުން ތައްޔާރުވަމުން ދިޔައިރު ދިވެހި ސަރުކާރުގެ އެދުމަށް އިންޑިއާ ސިފައިންވެސް އޭރު ދިޔައީ ހަރަކާތްތެރިވަމުންނެވެ. އިންޑިއާ ސިފައިން ހުޅުލެއަށް ފޭބިއިރު، ދުޝްމިނުން ފިލައިގެން ދިއުމަށް ނައްޓާލައިފިއެވެ، އެހެންކަމުން ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުން ސަލާމަތްކުރުމާއި، ފިލައިގެންދާން މަސައްކަތްކުރި ޓެރަރިސްޓުން ހުއްޓުވުމަށް “އޮޕަރޭޝަން ކެކްޓަސް”ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ، އިންޑިއާގެ މަނަވަރު ޕްރޮގްރެސް ލައިޓު ހޯދައި އޭގައިތިބި ދިވެހީން ސަލާމަތް ކުރުމުގެ މަސައްކަތް ފެށިގެން ދިޔައިރު އެ ބޯޓު ހޯދުމަށްފަހު އަމާންދީ ބޯޓު މަޑުކުރަން އެތައްފަހަރެއްގެ މަތީން އިންޒާރު ދޭންޖެހުނެވެ.
19 ދިވެހިން ޝަހީދުވުން
މި ޢުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވިއިރު އޭގެ ތެރޭގައި ސިފައިންގެ 8 ބޭކަލުން ހިމެނެއެވެ. މި ހަމަލާގައި 39 ބޭކަލަކު ޒަޚަމްވިއިރު އޭގެ ތެރޭގައި 18 ސިފައިންގެ ބޭކަލުން ހިމެނެއެވެ. ( އެމަތިވެރި ޝަހީދުންނަށް މާތްﷲ ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރު ކުރައްވާށި)
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް މާތްالله ނަޞްރު ދެއްވީ 1988 ނޮވެންބަރު 4 ވަނަ ދުވަހުގެ ހެނދުނުއެވެ.