އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ގުރޫޕް ބީ ގެ ދެވަނަ މެޗުގައި އެފްސީ އަފިރިންނާއި ވާދަކޮށް މެދުވަލު އެފްސީ ފަސޭހަކަމާއެކު 3 ޕޮއިންޓު ހޯދައިފިއެވެ.
އަންގާރަ ދުވަހު ހަވީރު ހިތަދޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މެދުވަލު ޓީމުން ވަނީ 10 ލަނޑު ޖަހައި ސަޕޯޓަރުން އުފާ ކޮށްދީފައެވެ.
މި މެޗުގައި މެދުވަލު އެފްސީ އިން ވަނީ ވަރަށް ރަނގަޅު ކުޅެމެއް ދައްކާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނިޓުގައި ސޮބާހު މަންސޫރު ޖަހައިދިން ލަނޑާއެކު މެދުވަލު ޓީމުން ފުލް އެޓޭކަށް އަރައި އެފްސީ އަފިރިންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އަދި ހަސަން ނަޒީމު (ޗޯޓު) ވަނީ ފުރަތަމަ ހާފުގައި 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިއީ މި މުބާރާތުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. އަދި މެޗުގެ 23 ވަނަ މިނިޓުގައި ހާޒިމް ވަނީ ލަނޑެއް ޖަހައި ލީޑް ފުޅާ ކޮށްދީފައެވެ. ގިނަ ގޯލު ފެނިގެން ދިޔަ ނަމަވެސް ދެ ޓީމުންވެސް ދައްކާފައިވަނީ ފެއަރޕްލޭ ގޭމެކެވެ.
ދެވަނަ ހާފްގައި އަފިރިން ޓީމުން ލަނޑު ޖަހާނެ ހަނި ފުރުސަތުތައް ހޯދި ނަމަވެސް، ގޯލު ތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. އަދި މެދުވަލު ޓީމުން އުފެއްދި ބައެއް ހަމަލާތައް އެޓީމުގެ ކީޕަރ އަދި ކެޕްޓަން މަސީހް ވަނީ ހުށިޔާރުކަމާއެކު ދިފާޢު ކޮށްފައެވެ. މެޗުގެ 67 ވަނަ މިނިޓުގައި ޗޯޓު އިތުރު ލަނޑެއް ކާމިޔާބު ކޮށްދިނެވެ. ދެވަނަ ހާފްގައި މެދުވަލު ޓީމުން ގިނަ ލަނޑު ޖަހަން މަސައްކަތް ކުރިއެވެ. މެދުވަލު ޓީމުގެ ފޯވާޑު ލައިންގެ ހުށިޔާރު ކަމާއެކު މެޗުގެ 70 ވަނަ މިނިޓުގައި ސިރާޖް (ބެކޭ) ޖަހައިދިން ލަނޑާއި، 76 ވަނަ މިނިޓުގައި އައްމާރު ކާމިޔާބު ކޮށްދިން ލަނޑާއެކު މެދުވަލު ޓީމުން 9 ލަނޑު ކާމިޔާބު ކުރިއެވެ. އަފިރިން ޓީމުން މެދުވަލު ޓީމުގެ ގޯލު ހުޅުވާލެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އަދި މެޗުގެ 80 ވަނަ މިނިޓުގައި ޗޯޓު ގެ ހަ ވަނަ ލަނޑާއެކު މުބާރާތުގައި އެންމެ މެޗެއްގައި ދެ ހެޓްރިކް ހެދި ކުޅުންތެރިޔާގެ ޝަރަފު ޗޯޓު ހޯދިއެވެ. ޗޯޓުގެ ލަނޑާއެކު މެޗު ނިމިގެން ދިޔައީ 10 ލަނޑާއެކު މެދުވަލު އެފްސީ އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހެޓްރިކް ހީރޯ ޗޯޓު އެވެ.
މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ ނޮވެމްބަރ 3 ވަނަ ދުވަހު ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ ލޮތާރި އާއި ބޭރުމަތި އެފްސީ އެވެ.
މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ހެޕީ މާކެޓް ޓްރޭޑިންގ އެވެ.